2013/09/27

"އިއްފަތްތެރި ކަސްބީން"



އިއްޒަތަކީ އަގުބޮޑު އެއްޗެކެވެ. އިއްފަތްތެރިކަމަކީ އަދި މާ އަގުބޮޑު އެއްޗެކެވެ. ގައުމެއްގެ އިއްޒަތުން ނަފުސަކީ ގައުމުގެ ރައްޔިތުންނަށް ވަރަށް އަގުބޮޑު މުހިންމު އެއްޗެކެވެ. ރައްޔިތުންގެ އުޅުމާއި ސުލޫކު ވަކި ގިއުގަނޑަކަށް ފައްތައް ޖެހެނީ ގައުމުގެ އިއްޒަތުން ނަފުސު ސަލާމަތްކުރުމަށެވެ. ގައުމުގެ އިއްފަތްތެރިކަން ފޭރިގަތަ ނުދޭށެވެ. ގާނޫނުތައް ހެދުމުގެ ބޭނުމަކީ މިއެވެ. ވެރިއަކު ހޮވާ ސަރުކާރު އެކުލަވާލުމުގެ އަމާޒަކީ މިއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ގައުމުން ފެންނަމުން މި ދަނީ ގައުމުގެ ބެލެނިވެރިން މި ގައުމުގެ ފޭރާންތައް ވީދާ ކުދިކުދިކުރުމަށް ފަހު ގައުމުގެ އިއްޒަތް ވެއްޔާ މޮޑެލާތަނެވެ. ގައުމުގެ ހާލުގެ ދުލުން ރޮއި އާދޭސްކުރަމުން ދަނިކޮށެވެ.
ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުން ބާރުވެރިކުރުވުމެވެ. އެކަމަށްޓަކައި ގައުމުގެ ބާރުތައް ވަކިކުރެވެއެވެ. ތިން ބާރު މުސްތަގިއްލު ކުރެވެއެވެ. ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރެވެ. މިއިން ކޮންމެ ބާރެއް ތަމްސީލުކުރަނީ ރައްޔިތުންނެވެ. ހިމާޔަތްކުރަނީ ރައްޔިތުންގެ ހައްގުތަކެވެ. ހިދުމަތްކުރަނީ ރައްޔިތުންނަށެވެ. މިއީ ރައްޔިތުންގެ މޫނުބަލާ ލޯގަނޑެވެ. އެ މީހުންގެ ސަމުގާއެވެ. އެންމެންގެ ނަމޫނާއެވެ. ވީއިރު އެ ފަރާތްތަކުގެ ޒިންމާ ކިހައި ބޮޑުވާނެތޯއެވެ؟ ކިހައި އިއްޒަތްތެރިވާނެތޯއެވެ؟ އެކަމަކު މި ކުޑަ ގައުމުގައި މި ކަން އޮތީ މިހެން ބާއެވެ؟

2013/03/10

ގައުމިއްޔަތު ފުނޑި- "ޕާޓިއްޔަތު" ދިރެމުން މިހިރަގެން ދަނީއެވެ!

ދިވެހިރާއްޖެއަކީ ބިން ތިރި، މީސްކޮޅު މަދު، ކުޑަ ގައުމެއް ނަމަވެސް "ފުރިހަމަ" ގައުމެކެވެ. އަމިއްލަ މިނިވަންކަމާއި ސިޔާދަތު ލިބިފައިވާ، އަމިއްލަ ބަހަކާއި، ލިޔާނެ އަކުރެއް ލިބިފައިވާ، އަދި އަގުބޮޑު ސަގާފަތަކާއި އާދަކާދަތަކެއް ގެ ވެރި ބަޔަކު އުޅޭ، ދިގު ތާރީޚެއް އޮތް ގައުމެކެވެ. ބުނެވޭ ގޮތުގައި ރާއްޖޭގައި ދިވެހިން އުޅޭތާ 2500 އަށް ވުރެ ގިނަ އަހަރުވެއްޖެއެވެ. މި ދިގު ތާރީޚުގައި މި ގައުމުގައި އުޅުނު އަޅުގަނޑުމެންގެ ކާބަފައިން ވަނީ އަގުބޮޑު މަސައްކަތްތަކެއް ކޮށްދީފައެވެ. އެހެނަސް، ކާބަފައިން؛ އެއްބައިވަންތަކަމާއި، އިހުތިރާމުކުރުމާއި، އަޅާލުމާއި، މެހެމާންދާރީގެ ފުރިހަމަކަމުން މިސާލުޖެހޭ ފަދަ ބަޔެއްގެ ގޮތުގައި ސާސްކަފެއް ހޭދަކޮށްފައި ވިޔަސް މިއަދުގެ މަންޒަރު ވަރަށް ތަފާތު ކަމުގައި ދަންނަވަން ޖެހެނީ ލަދުވެތިކަމާއި ހިތްދަތިކަމާ އެކުގައެވެ.

2013/02/07

ދިވެހިން ބަނޑަށް ޖެހެން ކައިރިވަމުންދާ އިރު- ސިޔާސަތު ކަނޑައަޅާ ފަރާތްތައް ކަހާތަން ހިރުވާވެސް ނުލާ!

ބޮޑު ތަދުގެ ދުވަސްވަރު މަގޫފަތް ކޭ ހާދިސާއަކީ ދިވެހިންގެ ހިތްތަކުން ފިލާދާހާ ދުވަސްވީ ކަމެއް ނޫނެވެ. އެހަނދާންތަކާއި އެތަޖުރިބާއާއެކުގައި ދިރިއުޅެމުން ދާ މީހުން އަދިވެސް އެބަތިއްބެވެ. މިހާރު ގައުމުގެ އިގުތިސާދީ ހާލަތު ދައްކާ ގޮތުން އަލުން މިފަދަ ދުވަހެއް ކުރިމަތިވެދާނެކަމުގެ ކުލަތައް މިދަނީ ފެންނަމުންނެވެ. ގައުމެއްގެ އިގުތިސާދު ފުނޑުފުނޑުވުމަށް މެދުވެރިވާ ސަބަބުތަކާއި އެކަމުގެ އަލާމާތްތައް މިހުރީ ދިމާއަށް ފެންނާށެވެ. ލިބޭ މިންވަރަށް ވުރެ ޚަރަދުތައް ބޮޑުވެ ދަރަނި ބޮޑުވެއްޖެއެވެ. ގައުމުގެ ހަމަޖެހުން ގެއްލި ކުށްތައް އާންމުވެއްޖެއެވެ. އާދޭހެވެ. ގައުމު ބަނޑަށް ޖެހެން ކައިރިވެއްޖެ ކަމުގެ އިންޒާރުގެ ބެރުއަޑު މިދަނީ އިވެމުންނެވެ. އެހެނަސް މިކަމާ ވިސްނަނީ ފަހެ ކާކުހެއްޔެވެ؟

2013/01/28

ހައިވާނުބަގީޗާގެ ވެރިޔާ މަކުނުކޮށްޓަށް ކުރި ޒިޔާރަތް.


ރިޕަބްލިކް އޮފް "ހައިވާނުބަގީޗާ" އަކީ 2004 ވަނަ އަހަރު ފެށި މުޒާހަރާތަކެއްގައި ރިފޯމްވެގެން އުފެދުނު ޖުމުހޫރިއްޔާއެކެވެ. މިނަމަށް ބަދަލުވެ ޖުމްހޫރިއްޔާ އުފެދުނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގައެވެ. އެދުވަހަކީ ޑިމޮކްރަސީއަށް މިކުޑަ ޖުމުހޫރިއްޔާ ހުޅުވުނު ތާރީޚީ ދުވަހެވެ. ދިގު 30 އަހަރުގެ ވެރިކަމަކަށް ފަހު އުފެދުނު މިޖުމުހޫރިއްޔާ ހިނގައިގަތީ ނުހަނު ބާރަށެވެ. ޕްރޯޑިމޮކްރަސީގެ އިންޖީނުއެޅުމުން ގައުމުގެ ދުވެލި ބާރުވެގެން ދިޔަ ތަން ބަލަން ގިނަ ރައްޔިތުން ތިބީ ނުހަނު ހެވިފައެވެ.
އަލަށް ގެނެވުނު ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ބަދަލަކީ ދައުލަތުގެ ބާރުތައް ވަކިކުރުމެވެ. މިގޮތުން ސަރުކާރު ހިންގާ ބާރާއި ގާނުނުހަދާ މަޖުލީހާއި އަދުލުއިންސާފުގެ ބާރު ވަކިކޮށްލެވުނެވެ. މިއިން ކޮންމެ ބާރަކީ މުހިންމު ބާރެކެވެ. ދައުލަތުގެ އަދި ސަރުކާރު ހިންގުމުގެ އެންމެ މަތީ ބާރަކީ ރައީސުލް ޖުމުހޫރިއްޔާ އެވެ. އަލަށް ގެނެވުނު ބަދަލާ ގުޅިގެން ރައީސަކަށް 10 އަހަރަށްވުރެ ގިނަ ދުވަހު ވެރިކަން ކުރުމުގެ ފުރުސަތެއް ނެތެވެ. އެއީ 5 އަހަރުގެ ދެ ޓާމެވެ. 2008 ވަނަ އަހަރު އަލަށް ވެރިކަމާ ހަވާލުވީ ހައިވާނު ބަގީޗާގެ ރައްޔިތުންގެ 53 އިންސައްތައިން ހޮވި ސިންގާ ރައީސެވެ.

2010/03/07

ވާހަކަ: އެޕޮއިންޓްމަންޓް

ފަތިހު މުނާޖާ ކޮނޑުއަޅައިގެން އަހަރެން ތެދުވީ ރައްޓެއްސަކު ބުނެގެން ޑޮކްޓަރަށް ދައްކަން ނަން ނޯޓުކޮށްދޭށެވެ. ފާހާނާއަށް ވަދެ، އަވަސްއަވަހަށް ފެންވަރައިގެން ނުކުމެ، ކުޑަކޮށް ރީތިވެލައިގެން، ގެއިން ނުކުމެ ސައިކަލަށް އަރާ، ބާރުލާފައި ހަސްފަތާލާ ދިމާއަށް މިސްރާބު ޖެހީމެވެ. މަގުތަކުގައި ވަނީ ހަމަހިމޭން ކަމެވެ.

2010/03/04

ޅެން: ފޮށިފެޅުން

ރޭގަނޑު ދަންވަރު ގެއަކަށް ވަދެ އެއްޗެއް ނެގުމީ ފޮށިފެޅުމޭ
      ރޭގަނޑު ނޫނަސް ސިއްރުން ވަދެ އެއްޗެއް ނެގުމީ ފޮށިފެޅުމޭ
މާއްދީ މުދަލާ އެއްފަދައިން ފިކުރީ މުދަލުން ވައްކަންކޮށް
      މާއްދީ ފައިދާ ހޯދުމަކީ، އަދަބީބަހުގައި ފޮށިފެޅުމޭ
ޅެމަކުން ބައިތެއް ހޯދައިގެން ނޫނީ މުޅިޅެން އަތުލައިގެން
      ޅެމަކީ "އަހަރެން" ހެދިޅެމެކޭ ބުނުމުން ކިޔަނީ ފޮށިފެޅުމޭ
ބަންޖާ އަންބާ ވަކިނުވިއަސް ލަވަޔާއި ޅެމާ ނުމެ އެނގުނަސް
      ނަންވާ މިހުރީ ޅެންވެރިއެއް ކަމުގައި ބުނުމީ ފޮށިފެޅުމޭ
މުސްކުޅި ލަވައެއް ލިބުނީމާ ބަސްތައް ކުޑަކޮށް އަނބުރާފައި
      މުސްކުޅި ގޮތްތައް ފުހެލީއޭ ބުނުމަށް ކިޔަނީ ފޮށިފެޅުމޭ