Showing posts with label ޅެން. Show all posts
Showing posts with label ޅެން. Show all posts

2016/02/08

ދިވެހިން ރިޝްވަތެއް ނުހިފާނެ............

=އިލްޔާސް ޝުޖާޢު، އޯކިޑް، ހދ. ނޮޅިވަރަމް. 08-02-2016=

އަޖައިބުވެ އަންތަރީސްވެއްޖޭ އިވޭތީ ރިޝްވަތޭ މިކިޔާ
                    އަޖައިބެއް ނޫންހެ މީ އަސްތާ! ލިބޭ "ކަޓަކީ" އެއީ ހަދިޔާ
ދިވެހި ގައުމުން ނުފެންނާނޭ ނަމުން ރިޝްވަތު އެނގޭ މީހެއް
                     މިވެށި ފުރިގެން ބަރާވެދަނީ އޮހޭ މަދަދާ ލިބޭ ހަދިޔާ
ކުރިން ކިއްލީގެ ވިޔަފާރިން ނަފާ ހޯދަން އުޅުނު މީހާ
                     ދުރުން އަހުރާމެކޭ ހީވާ ގެއެއް ގަތަކަސް އެއީ ހަދިޔާ
ކުރިން ކާލާނެ އެއްޗެއް ނެތި ދަމާކަނޑަމުން އުޅޭ މީހާ
                     ކުރިން ނުހިކޭ ރަށެއް ހިއްކާ، ފެށުން ވިޔަފާރި އެވެސް ހަދިޔާ
މަގުން އަތްގާޑިޔާ ދަމަމުން ގޮނޑަށް ގޮސް އައިސް އުޅޭ މީހާ
                     މަގުން "އުދުހޭ" އުޅަނދު އެއް ރެއިން ގަތަސް ގައިމޭ އެއީ ހަދިޔާ
ކުރިން މަގުގައި ވެގެން ނާޗާރު އުޅޭ ކަށިނޫ ޒުވާނުން ވެސް
                     ބިރުން ފަހަތަށް ނުގޮސް ހަޅުތާލުކުރަނީނަމަ ލިބޭ ހަދިޔާ

2010/03/04

ޅެން: ފޮށިފެޅުން

ރޭގަނޑު ދަންވަރު ގެއަކަށް ވަދެ އެއްޗެއް ނެގުމީ ފޮށިފެޅުމޭ
      ރޭގަނޑު ނޫނަސް ސިއްރުން ވަދެ އެއްޗެއް ނެގުމީ ފޮށިފެޅުމޭ
މާއްދީ މުދަލާ އެއްފަދައިން ފިކުރީ މުދަލުން ވައްކަންކޮށް
      މާއްދީ ފައިދާ ހޯދުމަކީ، އަދަބީބަހުގައި ފޮށިފެޅުމޭ
ޅެމަކުން ބައިތެއް ހޯދައިގެން ނޫނީ މުޅިޅެން އަތުލައިގެން
      ޅެމަކީ "އަހަރެން" ހެދިޅެމެކޭ ބުނުމުން ކިޔަނީ ފޮށިފެޅުމޭ
ބަންޖާ އަންބާ ވަކިނުވިއަސް ލަވަޔާއި ޅެމާ ނުމެ އެނގުނަސް
      ނަންވާ މިހުރީ ޅެންވެރިއެއް ކަމުގައި ބުނުމީ ފޮށިފެޅުމޭ
މުސްކުޅި ލަވައެއް ލިބުނީމާ ބަސްތައް ކުޑަކޮށް އަނބުރާފައި
      މުސްކުޅި ގޮތްތައް ފުހެލީއޭ ބުނުމަށް ކިޔަނީ ފޮށިފެޅުމޭ