2013/03/10

ގައުމިއްޔަތު ފުނޑި- "ޕާޓިއްޔަތު" ދިރެމުން މިހިރަގެން ދަނީއެވެ!

ދިވެހިރާއްޖެއަކީ ބިން ތިރި، މީސްކޮޅު މަދު، ކުޑަ ގައުމެއް ނަމަވެސް "ފުރިހަމަ" ގައުމެކެވެ. އަމިއްލަ މިނިވަންކަމާއި ސިޔާދަތު ލިބިފައިވާ، އަމިއްލަ ބަހަކާއި، ލިޔާނެ އަކުރެއް ލިބިފައިވާ، އަދި އަގުބޮޑު ސަގާފަތަކާއި އާދަކާދަތަކެއް ގެ ވެރި ބަޔަކު އުޅޭ، ދިގު ތާރީޚެއް އޮތް ގައުމެކެވެ. ބުނެވޭ ގޮތުގައި ރާއްޖޭގައި ދިވެހިން އުޅޭތާ 2500 އަށް ވުރެ ގިނަ އަހަރުވެއްޖެއެވެ. މި ދިގު ތާރީޚުގައި މި ގައުމުގައި އުޅުނު އަޅުގަނޑުމެންގެ ކާބަފައިން ވަނީ އަގުބޮޑު މަސައްކަތްތަކެއް ކޮށްދީފައެވެ. އެހެނަސް، ކާބަފައިން؛ އެއްބައިވަންތަކަމާއި، އިހުތިރާމުކުރުމާއި، އަޅާލުމާއި، މެހެމާންދާރީގެ ފުރިހަމަކަމުން މިސާލުޖެހޭ ފަދަ ބަޔެއްގެ ގޮތުގައި ސާސްކަފެއް ހޭދަކޮށްފައި ވިޔަސް މިއަދުގެ މަންޒަރު ވަރަށް ތަފާތު ކަމުގައި ދަންނަވަން ޖެހެނީ ލަދުވެތިކަމާއި ހިތްދަތިކަމާ އެކުގައެވެ. ގައުމަށް ޓަކައި ގުރުބާންވެގެން މިގައުމުގައި ބިނާކުރި އެއްބައިވަންތަކަމާއި "ޙުއްބުލް ވަޠަންގެ" ގަނޑުވަރުގައި ރެނދުލައި ކަނޑަކަނޑައިގެން ގޮސް ބައެއް ކުރިބޯށިތައް ވެއްޓޭތަން ދެކެން ޖެހިފައި މިވަނީ ކަރުނަވީ ލޮލަކުންނެވެ. މިކަންކަން ކަން ކުރިމަތިވީ ކީއްވެބާއެވެ؟
ދިވެހިރާއްޖެ ކިތަންމެ ކުޑަޔަސް، މީސްކޮޅު ކިތަންމެ މަދަސް، ޒަމާނުގެ ލޯތައް މިގައުމާ އަމާޒުވެފައި އަބަދުވެސް ހުންނަކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ދިވެހި ތާރީޚު އެނގެން ފެށީއްސުރެ، އެ ފޮތުގެ ސަފުހާތަކުގައި މިފަދަ ހާދިސާތައް ހިމެނިފައިވެއެވެ. ކަނޑުގެ ބާޒުގެ ހަމަލާތަކާއި، މަލާބާރުކަރައިގެ ދުއްތުރާތަކާއި، ލަންދޭސީންގެ ކަޅިއެޅުން ފަދަ ހާދިސާތަކެވެ. އޭގެ ފަހުން ދުނިޔޭގެ އިސްތިއުމާރީ ބޮޑުބާރެއްކަމަށްވާ އަދުގެ "ކޮމަންވެލްތުގެ މަންމަގެ" އުނގަށް ވެއްޓި ހިމާޔަތުގައި އޮންނަން ޖެހުނު ދުވަސްތަކެވެ. އަދި މިޒަމާނުގެ ތާރީޚުގައި ދިވެހިންގެ ލެއިން ލިޔަން ޖެހުނު ހިތްދަތި "ބަޑި ބުރާސްފައްޗެ"ވެ. މިހުރިހާ އުނދަގޫތަކުން އާޚިރުގައި ފަހިކަން ލިބުނުކަމެވެ. މި ތާރީޚީ ސަފުހާތައް އުކާލުމުން، އުފަލާއެކު ފާހަގަކުރެވޭ ކަމަކީ މިގައުމުގެ ދަރިންގެ ކިބައިގައި ހުރި "ޙުއްބުލް ވަޠަން"ގެ ސިފަތަކުގެ ފުރިހަމަކަމެވެ. ގައުމުދެކެ ލޯބިވާ، ގައުމަށް ޓަކައި ފުރާނައިން ގުރުބާންވާން ފަސް ނުޖެހޭ ދިވެހި ދަރިންތަކެއް އުޅެފައިވާކަމެވެ. ނަމަވެސް މިއިން ކޮންމެ ވިލާގަނޑެއް ބޯމަތި ކުރުވި ސަބަބަށް ވިސްނާލުމުން ލޮލުން ކަރުނަ ފާއްދާލަނީ، ދިވެހިންގެ ތެރެއިން ބައެއް މީހުންގެ ހިތްތަކުގައި ގައުމީ ލޯތްބާއި، ގައުމުގެ މިނިވަންކަމަށް ވުރެ އަމިއްލަ އެދުން ބޮޑުވެފައި ވާކަން ހާމަވާތީއެވެ.
މި ދިވެހިގައުމުގެ ދަރިންގެ ހިތްތަކުން ގައުމިއްޔަތުގެ އަސަރު މުޅިން ފިލައިފިކަމުގައި ދެންނެވުން މިއަދު ބުހުތާނަކަށް ނުވާނެއެވެ. ގައުމީ ޓީމު ކުޅޭ ފުޓުބޯޅަ މުބާރާތް ނިމުމާއެކު ގައުމީ ކުލަތައް ފޮހެވިގެން ދާތަން ހިތާމައާ އެކު ދެކެން ޖެހިއްޖެއެވެ. ކާރިސާގެ ހާލަތުގައި ނޫނީ މިއީ "ދިވެހިން"ކަން ހަނދާން ނެތިއްޖެއެވެ. ގައުމީ ދުވަހުގެ ނަމުގައި ފާހަގަކުރާ ދުވަހަކީ ކީއްވެގެން ފާހަގަކުރާ ދުވަހެއްކަން ހަނދާން ނެތިއްޖެއެވެ. ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަފަތި ދެމުމާއި ދިދަ ޖެހުން، ކުލަ ބޮކި ދެމުން ފަދަ ކަންކަމަކީ މިއަދު، ގައުމުގައި އުޅޭ ބިދޭސީ މަސައްކަތު މީހާގެ ޒިންމާއަކަށް ވެއްޖެއެވެ. ދިވެހިންގެ ހިތްތައް މާއްދިއްޔަތަށް ހުސްވެ، ގައުމީ ލޯބީގެ އޮށް އިންދާނެ ތަނެއް ނެތިއްޖެއެވެ. އާދޭހެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. 1950 ގެ އަހަރުތަކުގައި އަމީން ދީދީ އިންދެވި "ޙުއްބުލް ވަޠަން"ގެ އޮށުން ފެޅި ގަސްތައް މިއަދު މަރުވެއްޖެއެވެ. ނުވަތަ މުސްކުޅިވެ ގައުމީ ލޯބީގެ ހިޔާ ނުފެތުރޭ ވަރަށް ފަތްކޮޅު ފައިބައިފިއެވެ. ގައުމީލޯބީގެ އިރު އޮއްސި، "ނަފުސީނަފުސީ"ގެ އަނދިރިކަން ފެތުރުން ފެށިތާ ދެދިހައަށް ވުރެ ގިނަވެއްޖެ ކަމުގައި ބެލެވެއެވެ.
އާދޭހެވެ. މިހާރު ދެ ހާހުގެ ފުރަތަމަ ދިހައެއް ނިމިއްޖެއެވެ. އެނބުރި ފަހަތަށް ބަލާއިރު ފެންނަނީ ދިވެހިންގެ ހިތްތަކުން ގައުމީ ވަހުދަތާއި ގައުމިއްޔަތުގެ ރުކުންތަކަށް ދިން ސަމާލުކަން ފޮހެވިގެން ގޮސް، އަމިއްލަ އެދުމާއި ފަސާދައިގެ ކެންސަރު "ރޯވެ"ފައިވާ ތަނެވެ. ގައުމިއްޔަތު ފުނޑި، "ޕާޓިއްޔަތު" ދިރޭތަނެވެ. ކުރިން ރެނދުލަމުން ދިޔަ "ޙުއްބުލް ވަޠަން"ގެ ގަނޑުވަރުގެ ތަންތަން ކަނޑައިގެން ވެއްޓެން ފެށީ ސިޔާސީ ޕާޓީތައް އުފެދުމުން ކަމަށް ބުނާ ދިވެހިން މިއަދު ވަރަށް ގިނައެވެ. އެކަމުގެ ހުއްޖަތް އެމީހުން ދައްކާވެސްމެއެވެ. "އޮލަނބަށް" ހުރި މީހަކު ނަމަ އެކަން ގަބޫލުކުރެވޭ ވަރަށެވެ. އިހުގައި މުހިންމުވަނީ ދިވެހި ގައުމީ ދިދައިގެ ކުލަތަކެވެ. ހަފުލާތަކާއި ޖަލްސާތަކުގައި އެންމެ ގިނައިން ފެންނަ އެކައްޗަކީ ދިވެހި ގައުމުގެ ފަޚުރުވެރި ދިދައެވެ. އެހެނަސް މިއަދު ފެންނަނީ އެހެން ކުލަތަކެކެވެ. ރީނދޫ ކުލައެވެ. ނޫކުލައެވެ. ފިޔާތޮށި ކުލައެވެ. ރަސްމީ އިހުތިފާލުތަކުގައި ވެސް ގައުމީ ދިދައަށް ވުރެ ގިނައިން ފެނުނީ އެދުވަސްވަރުގެ "ބާރުގަދަ" ޕާޓީގެ ދިދަތަކެވެ.
ގައުމީ ލޯބި ފަނޑުވެއްޖެ ކަމުގައި ބުނާ މީހުން ދައްކާ ހަމައެކަނި ވާހަކައަކީ މިއެއް ނޫނެވެ. ދިވެހިންގެ އެއްބައިވަންތަކަން ގެއްލިއްޖެކަމެވެ. ކުރިން ވާރުތަވަމުން އައި ރިވެތި އާދަތަކާއި މުއްސަނދި ސަގާފަތް ގެއްލިއްޖެކަމެވެ. އިހުތިރާމާއި، ކަމޭ ހިތުމާއި، އަޅާލުމާއި، ރަހުމާއި ކުލުނު މުލުން ލުހިއްޖެ ކަމެވެ. މީގެ ހެކިތައް މެންދުރުގެ އިރުހާ ސާފެވެ. ދިވެހިންގެ އަތުން ދިވެއްސެއްގެ ފުރާނަ ދުއްވާލުމަކީ، ގަޔަށް ކަށިހަރާފައި ލޭބޮއިގެންދާ މަދިރިއެއް މަރާލުމަށްވުރެ ވެސް ފަސޭހަ ކަމަކަށް ވެއްޖެ ކަހަލައެވެ. ނިކަމެތިންނާއި މުހުތާދުވެރިންނަށް އެހީތެރިކަމެއް ފޯރުކޮށްދޭނީ ޕާޓީގެ ދޮރޯށިން އެތެރެއަށް ވަނީމާ ކަމުގައި ފާޅުގައި ބުނެ ޢަމަލުން އެކަން ދައްކަންފަށައިފިއެވެ. ވަޒީފާއެއް ލިބުން އެއްކިބައިގައި އޮއްވާ، ހުރި ވަޒީފާގައި ދެމިހުރެވޭނެ ކަމުގެ ޔަގީންކަން ލިބެނީވެސް ވަކި ކުލައެއްގެ ހެދުން އަޅައިގެން ކަމުގައި ވެއްޖެއެވެ. އެންމެ ޒަރޫރީ ބޭނުންތައް ފަހިކޮށްދޭން ވައުދުވަނީ ވެސް އެ ރަށެއްގެ ރައްޔިތުންގެ "ސޮއި" ޝަރުޠަކަށް ހަދައިފައެވެ.
ކަން އޮތީ މިހެން ކަމުގައިވާއިރު މިއަދު މިގައުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެބަޖެހެއެވެ. ފަސާދައިގެ މޫތައް އުފުރާލައި، ނޭއްގާނީކަމާއި ކުށްކުރުން ނައްތާލަން ޖެހިއްޖެއެވެ. އިޖުތިމާއީ ފޭރާމުން ހެދިފައިވާ ބާތަކުގައި ފޮތިއަޅައިދޭނެ އަތްތަކެއް ބޭނުންވެއްޖެއެވެ. ހަމަހަމަކަމާއި އިންސާފު ގާއިމުކޮށްދޭނެ ފަނޑިޔާރުންތަކަކާއި އަދުލުވެރި ވެރިޔަކު ނުހަނު މުހިންމު ވެއްޖެއެވެ. ގެއްލިފައިވާ އެއްބައިވަންތަކަން އަލުން އަނބުރާ ހޯދައިދެވޭނެފަދަ އުކުޅުތަކެއް ދަސްކުރަން ވެއްޖެއެވެ. އަމީންދީދީ ފަދައިން "ޙުއްބުލް ވަޠަން" އަލުން މުޑުވައްކޮށްދޭނެ "އިހުރުން" އިސް ސަފަށް އަރަންވެއްޖެއެވެ. އެހެން ނޫނީ "ދިވެހިންގެ އެއްބައިވަންތަކަން،... ދިވެހިންގެ ހުރި އަޚުވަންތަކަން މުޅި ދުނިޔެއަށް ދައްކައިފިޔޭ" ބުނެ މިކިޔާ ލަވަ "ދިވެހިންގެ ބައިބައިވަންތަކަން،... ދިވެހިންގެ ހުރި އިޔަހޫދިކަން މުޅިދުނިޔެއަށް ދައްކައިފިއޭ" ކިޔާ ބަދަލުކުރަން ޖެހިދާނެ އެވެ. މިހެން މިކަން ވިޔަނުދީ ހިފެހެއްޓޭނީ ދިވެހިންނަށެވެ. ގުޅިގެން މަސައްކަތް ކުރެވިގެންނެވެ. ވީމާ އެންމެހާ ދިވެހިދަރިން މިކަމަށް ސަމާލުވުން އަޅެ މުހިންމެއް ނޫންތޯއެވެ.

No comments:

Post a Comment