2022/03/26

ނޮޅިވަރަމުގެ ތާރީޚު: ކަތީބުން

1. އެންމެ ފުރަތަމަ ފަތްކޮޅު ލިބިގެން ނޮޅިވަރަމުގެ ކަތީބުކަން ކުރީ އެކޮއިބެއެވެ. މި ނަމަކީ ކަތީބުކަން ލިބުމުގެ ކުރީގައި ކިޔަމުން އައި ނަމެވެ. ފަހުން ކީ ކަތީބު އާދަންފުޅެވެ. މަރުހޫމް ޢަބްދުލް ޙަލީމާ އެކު، އިންޑިއާއަށް ކުރި ދަތުރުގައި އަޅުގަނޑަށް ކިޔައިދިން ގޮތުން، މި އެކޮއިބެއަކީ ބ އަތޮޅު މާއްޑޫއިން ހިޖުރަކުރި މީހެއްކަމަށް ބުނެވެއެވެ. 

2. ޢީސާ ހާޖީ ކަލޭފާނު

3. ތިންވަނައަށް  ކަތީބުކަން ކުރީ މުޙައްމަދު ކަތީބު  (ގާ މުޙައްމަދެވެ.)

4. ހަތަރުވަނައަށް  ޢަލީ ޢީސާ (ގާ ދޮން ޢަލީ ނުވަތަ ދޮން ޢަލީ ކަލޭފާނެވެ.) މިއީ އެ ޒަމާނުގައި ރާއްޖޭގެ ގިނަ ބަޔަކު ދަންނަ މަޝްހޫރު ޝަޚްޞިއްޔަތެކެވެ.

5. ފަސްވަނައަށް ޢަލީ އިބްރާހީމް (ޢަލީ ޙާޖީ ފަހުން ޢަލީ ކަލޭފާނު)އެވެ. ޢަލީ ކަލޭފާނު ފަހުން، ތިލަދުންމަތީ ދެކުނުބުރީގެ އތޮޅުވެރިކަން ދިގު މުއްދަތަކަށް އަތޮޅުވެރިކަން ކުރިއެވެ

6. ހަވަނައަށް މުޙައްމަދު އިބްރާހީމެވެ. ކަތީބުކަމަށް އައްޔަނު ކުރީ، ކަތީބު ޢަލީ ކަލޭފާނު އަތޮޅުވެރިކަމަށް އިސްކުރުމުންނެވެ. މުޙައްމަދު އިބްރާހީމް ކަތީބުކަމަށް އައްޔަންކުރީ މާރިޗު 1993ގައެވެ. މުހައްމަދު ކަތީބު ފަހުން ކުޑަކަތީބުކަން ވެސް ކުރިއެވެ.

7. ހަތްވަނައަށް ޢަލީ ރަޝީދެވެ. މިއީ ލާމަރުކަޒީ ގާނޫނު ތަސްދީގުކުރުމާ ހަމައަށް ކަތީބުކަމުގައި ހުރި ކަތީބެވެ.


ކުޑަކަތީބުން:

1. ޙުސައިން މޫސާ (ކުޑަ ހުސޭނު) ޕެންޒީމާގެ

2. ޙުސައިން ޢީސާ (ލޯ ހުސޭނު) ނައިބު ކަމުން ފަހުން ކުޑަކަތީބުކަމަށް ބަދަލުކުރި

 މުޙައްމަދު ޙުސައިން، (ކުޑަ މުޙައްމަދު) ޕެންޒީމާގެ

3. ޢަލީ ޝަމީމު، ދިވަރު

4. ޢަބްދުލް ޖަލީލު، ހަޒާރުމާގެ

5. މުޙައްމަދު އިބްރާހިމް ، ނަސީމީވިލާ (ކަތީބުކަމުން ކުޑަކަތީބުކަމަށް ބަދަލުކުރީ)

 

2019/02/08

އަޅުގަނޑުގެ ތަސައްވަރު: ހަނިމާދޫ ބައިނަލްއަގުވާމީ ވައިގެބަނދަރު

 
ހދ ހަނިމާދުއަކީ، ބޮޑުތިލަދުންމަތީގައި އޮތް އެންމެ ބޮޑު ރަށެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 6 ވަނައަށް އެންމެ ބިން ބޮޑު ރަށެވެ. ދިގުމިން 4 މޭލަށްވުރެ ދިގު މިރަށުގެ ބިމުގެ ބޮޑުމިނުގައި 259 ހެކްޓަރު ހުރެއެވެ. މީގެއިތުރުން، ހަނިމާދުއަކީ އުތުރުގައި ފުރަތަމަ ގާއިމުކުރި ވައިގެ ބަނދަރު އޮންނަ ރަށެވެ. މި ރަށުގައި އޮންނަ ސަރަހައްދީ ވައިގެ ބަނދަރުގެ ނަންބޯޑު، ބައިނަލް އަގުވާމީ ވައިގެ ބަނދަރަކަށް ބަދަލުކުރިތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް، ހަފުތާއަކު އެއް ފަހަރު، ތްރިވެނަންތަޕޫރަމަށް "ބައްތެއްޔެއްގައި" ދިޔުން ފިޔަވައި ކުރެވޭ ކަމެއް ނެތެވެ. އެކަމަކު އުތުރުގައި ފަތުރުވެރިކަން އާލާކުރުމަށް، ހަނިމާދޫ ވައިގެ ބަނދަރަކީ މުހިންމު މަރުކަޒަކަށް ހެދިދާނެއެވެ. ފުރިހަމަ މާނައިގައި ބައިނަލް އަގުވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ތަރައްގީކޮށްގެންނެވެ.  

2019/01/14

އަޅުގަނޑުގެ ތަސައްވަރު: ނޮޅިވަރަމުގެ ކުނި ނަގާ، ނައްތާލުމުގެ ނިޒާމު ގާއިމުކުރުން

PDF file for easy reading

ނޮޅިވަރަމަކީ 209 ހެކްޓަރުގެ ބޮޑު ރަށެކެވެ. އާބާދީގައި 2685 މީހުން ދިރިއުޅޭ މިރަށުގައި އެންމެ ބޮޑު އެއް މައްސަލައަކީ ރަށުތެރޭގައި ކުނި ގިނަވުމެވެ. ކުނީގެ މައްސަލައަކީ ޒަމާނުއް ސުރެ ބޮޑު މައްސަލައެކެވެ. ކުނި އުކާލާނެ ވަކި ދިމާއެއް ކަނޑައަޅާ ދައްކާފައި ނެތުމާއި، މި ބޮޑު ރަށުގައި މީހުން ދިރިއުޅެނީ މެދުތެރޭގައި ކަމަށްވުމުން، ވަށައިގެން އޮތް ވަލަކީ ގޮނޑުކަމަށް ރައްޔިތުން ޚިޔާރުކޮށްފައި ވުމަކީ މިކަން އިތުރަށް ބޮޑުވާން މެދުވެރިވި ކަންކަމެވެ. މީގެކުރިން ވެސް ކުނިގޮނޑެއް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދިޔައެވެ. އެފަހަރު އީޕީއޭގެ ހުއްދަލިބިގެން ގޮނޑު ހަދަން ކަނޑައަޅާ، ބިން އަލިކުރި ބޮޑު ސަރައްދު، ރައްޔިތުންނަށް ކުނިއަޅަން ދެއްކޭވަރު ނުވީ ކީއްވެގެންކަމެއް ނޭނގެއެވެ. ކޮންމެއަކަސް، މި ހިނގާ ޖަނަވަރީމަހު، އަނެއްކާ ވެސް، ކައުންސިލުން އާ ހިތްވަރަކާ އެކު ނުކުމެ، އެއްކަލަ ބިން ސާފުކޮށް، ކުނިއަޅަންވީ ތަންތަނާއި، ގޮތްތައް ބުނެދެއްވައިފިއެވެ. ކުޅި ކައިރިއަށް ކުނިއެޅުމަކީ، ދުރު މުސްތަގުބަލަށް ބަލާއިރު އެންމެ ރަނގަޅު ގޮތްކަމަކަށް އަޅުގަނޑަށް ގަބޫލުނުކުރެވުނު ނަމަވެސް، ރަށުގެ އިރުދެކުނު ފަރާތުން، ކުޅިއާ ކައިރި ހިސާބެއް ވެސް، ކުނިއަޅާ ތަނެއްގެ ގޮތުގައި ބިންއަލިކޮށްފިއެވެ. ދެ އަވަށަށް ދެ ގޮނޑެވެ. ދެން އޮތް ސުވާލަކީ ރަށުގައި މީހުން ދިރިއުޅޭ 372 ގެ ހުރިއިރު، މި ގޭގޭގެ ރައްޔިތުން، މިތަންތަނަށް ކުނި ގެންދާނީ ކިހިނެއްބާއެވެ؟

2019/01/13

އަޅުގަނޑުގެ ތަސައްވަރު: ނޮޅިވަރަމު- ފަތުރުވެރިކަމަށް ތައްޔާރުވުން

PDF file for easy read
 
މި ލިޔުމަކީ ކުރިން 2009 ގައި، ނޮޅިވަރަމު އޮންލައިނަށް ލިޔުނު ލިޔުމެކެވެ. އެ ފަހަރުގެ ސުރުޚީއަކީ، "ނާގޯށި ރިސޯޓު ހުޅުވަން ވާއިރަށް، މަރުހަބާކިޔުމަށް ތައްޔާރުވުން" އެވެ. އެއީ އެއަހަރު ނާގޯށި ރިސޯޓު ހުޅުވާނެކަމަށް ބުނެ ލިޔެފައިވާ ޚަބަރެއް ފެނުމާ ގުޅިގެން ލިޔުނު ލިޔުމެކެވެ. މި ތަސައްވަރަކީ އަޅުގަނޑު ވަރަށް ކުރީއްސުރެ ގެންގުޅޭ ތަސައްވަރެކެވެ. ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީވެގެން އަންނަ އިރު، އެކަމުގެ މަންފާ ނޮޅިވަރަމަށް ހޯދިދާނެ ގޮތުގެ ތަސައްވަރެވެ. މިފަހަރު މި ލިޔަނީ މިހާރުގެ ހާލަތާ ގުޅުވާލައިގެންނެވެ. އެހެންވީމާ ކުރިން ލިޔުނު ލިޔުމާ ކުދިކުދި ތަފާތުތަކެއް ހުންނާނެއެވެ. މިހާރު ކުޅުދުއްފުށީގައި ވައިގެ ބަނދަރެއް ހަދަމުން ދާއިރު، ކުޅުދުއްފުއްޓާ ކައިރީގައި އޮތުމުން، ފަތުރުވެރިން ގެނައުމަށް ފަސޭހަތަކެއް ވާނެއެވެ. އަދި ކަނޑުމަގުން އަންނަން ބޭނުންވެއްޖެނަމަ ކުޅުދުއްފުށީ ބޯޓުތަކުން ވެސް އައުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން، މިހާރު ފަތުރުވެރިކަމަށް އޮތް ފުރުސަތު އިތުރުކަމަށް ފެނެއެވެ. އަނެއްކާ ނޮޅިވަރަމަކީ ގުދުރަތީ ގޮތުން މުއްސަނދި ވެއްޓެއް ލިބިފައިވާ މާ ރަށެއް ވެސްމެއެވެ.

2017/04/23

ތައުލީމީއޭ ކިޔާ ފޮށޭކަށް ނުޖެހެވެ.


ނޮޅިވަރަމު މަކުތަބު (މަކުތަބުއް ޞަބާހު) ހިންގާނެ މީހަކު، ކިޔަވައިދޭނެ އެދުރަކު ނެތި، މަރުތަޅުއެޅުވިފައި ވަނިކޮށް، އަހަރެންގެ ބައްޕަ، ނޮޅިވަރަމުގެ ތައުލީމުގެ "ބައްޕަ"، (ޢަބްދުﷲ މޫސާ) މާލޭ ފިހާރައެއްގައި ވަޒީފާގައި ހުރެފައި، ރަށަށް އައިސް ދެވަނަ ފަހަރަށް މަކުތަބު ހިންގުމާ ހަވާލުވިއެެވެ. އަދި ކިޔަވައިދޭން ފެށީ އެކަނިމާއެކަންޏެވެ. އެއީ 1984ގައެވެ.

2016/02/08

ދިވެހިން ރިޝްވަތެއް ނުހިފާނެ............

=އިލްޔާސް ޝުޖާޢު، އޯކިޑް، ހދ. ނޮޅިވަރަމް. 08-02-2016=

ދިވެހި ގައުމުން ނުފެންނާނޭ ނަމުން ރިޝްވަތު އެނގޭމީހެއް
                     މިވެށި ފުރިގެން ބަރާވެދަނީ އޮހޭ މަދަދާ ލިބޭ ހަދިޔާ
ކުރިން ކިއްލީގެ ވިޔަފާރިން ނަފާ ހޯދަން އުޅުނު މީހާ
                     ދުރުން އަހުރާމެކޭ ހީވާ ގެއެއް ގަތަކަސް އެއީ ހަދިޔާ
ކުރިން ކާލާނެ އެއްޗެއް ނެތި ދަމާކަނޑަމުން އުޅޭ މީހާ
                     ކުރިން ނުހިކޭ ރަށެއް ހިއްކާ، ފެށުން ވިޔަފާރި އެވެސް ހަދިޔާ
މަގުން އަތްގާޑިޔާ ދަމަމުން ގޮނޑަށް ގޮސް އައިސް އުޅޭ މީހާ
                     މަގުން "އުދުހޭ" އުޅަނދު އެއް ރެއިން ގަތަސް ގައިމޭ އެއީ ހަދިޔާ
ކުރިން މަގުގައި ވެގެން ނާޗާރު އުޅޭ ކަށިނޫ ޒުވާނުން ވެސް
                     ބިރުން ފަހަތަށް ނުގޮސް ހަޅުތާލުކުރަނީނަމަ ލިބޭ ހަދިޔާ

2015/04/06

ކޮމްޕިއުޓަރުން ފިހުރިސްތާއި ހަވާލާ ލިސްޓް އެކުލަވާލާނެ ގޮތް

 ތިރީގައި އެވާ ފާލަމަކީ މަތީ ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ އެސައިންމަންޓްތަކުގައި ފިހުރިސްތާއި ހަވާލާދޭ ލިޔުންތަކުގެ ލިސްޓް ފަސޭހަކަމާއެކު ހިމަނާލަން ދަސްކޮށްދިނުމުގެ ބޭނުމުގައި އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުން ކިޔާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ އެހީއަކަށް ވާނޭ ކަމަށް އުންމީދު ކުރަމެވެ.ފިހުރިސްތާއި ހަވާލާ ލިސްޓު ލާނެ ގޮތް