2013/09/27

"އިއްފަތްތެރި ކަސްބީން"



އިއްޒަތަކީ އަގުބޮޑު އެއްޗެކެވެ. އިއްފަތްތެރިކަމަކީ އަދި މާ އަގުބޮޑު އެއްޗެކެވެ. ގައުމެއްގެ އިއްޒަތުން ނަފުސަކީ ގައުމުގެ ރައްޔިތުންނަށް ވަރަށް އަގުބޮޑު މުހިންމު އެއްޗެކެވެ. ރައްޔިތުންގެ އުޅުމާއި ސުލޫކު ވަކި ގިއުގަނޑަކަށް ފައްތައް ޖެހެނީ ގައުމުގެ އިއްޒަތުން ނަފުސު ސަލާމަތްކުރުމަށެވެ. ގައުމުގެ އިއްފަތްތެރިކަން ފޭރިގަތަ ނުދޭށެވެ. ގާނޫނުތައް ހެދުމުގެ ބޭނުމަކީ މިއެވެ. ވެރިއަކު ހޮވާ ސަރުކާރު އެކުލަވާލުމުގެ އަމާޒަކީ މިއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ގައުމުން ފެންނަމުން މި ދަނީ ގައުމުގެ ބެލެނިވެރިން މި ގައުމުގެ ފޭރާންތައް ވީދާ ކުދިކުދިކުރުމަށް ފަހު ގައުމުގެ އިއްޒަތް ވެއްޔާ މޮޑެލާތަނެވެ. ގައުމުގެ ހާލުގެ ދުލުން ރޮއި އާދޭސްކުރަމުން ދަނިކޮށެވެ.
ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުން ބާރުވެރިކުރުވުމެވެ. އެކަމަށްޓަކައި ގައުމުގެ ބާރުތައް ވަކިކުރެވެއެވެ. ތިން ބާރު މުސްތަގިއްލު ކުރެވެއެވެ. ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރެވެ. މިއިން ކޮންމެ ބާރެއް ތަމްސީލުކުރަނީ ރައްޔިތުންނެވެ. ހިމާޔަތްކުރަނީ ރައްޔިތުންގެ ހައްގުތަކެވެ. ހިދުމަތްކުރަނީ ރައްޔިތުންނަށެވެ. މިއީ ރައްޔިތުންގެ މޫނުބަލާ ލޯގަނޑެވެ. އެ މީހުންގެ ސަމުގާއެވެ. އެންމެންގެ ނަމޫނާއެވެ. ވީއިރު އެ ފަރާތްތަކުގެ ޒިންމާ ކިހައި ބޮޑުވާނެތޯއެވެ؟ ކިހައި އިއްޒަތްތެރިވާނެތޯއެވެ؟ އެކަމަކު މި ކުޑަ ގައުމުގައި މި ކަން އޮތީ މިހެން ބާއެވެ؟
ދައުލަތުގެ އެންމެ ބާރުގަދަ އެއް ބަޔަކީ ގާނޫނުހަދާ މަޖުލީހެވެ. އެންމެ ގަދަރުވެރި އެއް ބަޔަކީ ގާނޫނުހަދާ މަޖުލީހުގެ މެންބަރުންނެވެ. އެ ފަރާތްތަކަށް މުހާތަބުކުރެވެނީ "އިއްޒަތްތެރި" މި ލަގަބާއެކުގައެވެ. ސުވާލަކީ އަޅުގަނޑުމެންގެ މި ގައުމުގެ ގާނޫނުހަދާ މަޖުލީހަކީ މި ލަގަބު ހައްގުވާ ފަރާތްތަކެއްބާއެވެ؟ މިއަދު ގައުމުގެ ކުދި ބޮޑު އެންމެން އެއްބަސްވާ ހަގީގަތަކީ "އިއްޒަތްތެރި" ލަގަބަކުން ލިބެވޭ އިއްޒަތެއް ނެތްކަމެވެ. ހަމަ ގަބޫލުކުރާ، އޮލަނބަށް ތިބި ރައްޔިތުން ބުނަމުން ދަނީ "އިއްޒަތްތެރި" މަޖުލީހަކީ ހައިވާނުބަގީޗާއެއް ފަދަ ތަނެއް ކަމަށެވެ. ވަކަރުގޭ ކުދިންނާއި ތެޔޮޅުވާ ކުދިންގެ ޒުވާބު މާލަމެއްކަމަށެވެ. "އިއްޒަތްތެރި" ލަގަބު ހަސްބުން ފޭރިގަނެގެން އުޅޭ ބައިގަނޑެއް ކަމަށެވެ. މިހެން ނުބުނެވޭވަރެއް ތޯއެވެ؟ "އިއްޒަތްތެރި" ބައެއް މެންބަރުންނަކީ މަކަރާއި، ހީލަތާއި، އޮޅުވާލުމާއި ފަސާދައިގެ ތާކިހާ ތުރުކުރައްވައިގެން އުޅުއްވާ ބޭފުޅުންނެވެ. ދެން ތިއްބެވީ ލޯނުތަކުން ބޯ ނުހިކޭ ދަރަނިވެރިންނެވެ. އަނެއް ބައެއް މެންބަރުންނަށް ރިޝްވަތުގެ އިނގިލި ދިއްކުރެވެއެވެ. ބަދުއަހުލާގީ އަމަލުތަކާއެކު 'ވެބްކެމް ރޭޕްކުރި' އެހެނަސް އިއްޒަތްތެރީންނެވެ. ތަކެއްޗަށް ގެއްލުންދީ މަޖުލިސްތެރޭގައި މާރާމާރީ ހިންގާ "ގޭންގު" ކުދިންނެވެ.

ގާނޫނުހަދާ ބާރުން ދައްކާ ނަމޫނާއަށް ފަހު ދެން ރައްޔިތުން ބަލައިގަންނަންވީ އަދުލު އިންސާފުގެ ބާރެވެ. ރައްޔިތުންގެ ހައްގު ގެއްލުމުން ހައްގު ހޯއްދަވައިދެއްވަން ތިއްބެވި ފަނޑިޔާރުންނެވެ. ކޯޓުތަކުގެ ގާޒީންނެވެ. އެބޭފުޅުންގެ އިއްޒަތާއި ބާރު އެހާ ގަދައެވެ. އެބޭބޭފުޅުންގެ ފަރާތްޕުޅުން އިންސާފާއި ހަމަހަމަކަމުގެ ރީތި ނަމޫނާ ފެންނަންޖެހެއެވެ. އިތުބާރު ބޮޑުވާންޖެހެއެވެ. އެހެނަސް ހިތާމައަކީ ކަން އޮތީ މިހެން ކަމަށް ނުވުމެވެ. ބައެއް ބޭބޭފުޅުންގެ އަމަލުތައް ހުންނަ ގޮތުން، ފަނޑިޔާރުންނާއި، ގާޒީންނާއި، ކޯޓުތަކާއި މުޅި ޝަރުއީ ދާއިރާއާ މެދު ރައްޔިތުންގެ ހިތުގައި އޮތް ގަދަރާއި އިތުބާރަށް މިވަނީ ލޮޅުންއަރާފައެވެ. އިންސާފުގެ ތިލަފަތުގެ ކަށި ވަނީ ހަލާކުވެފައެވެ. ރިޝްވަތާއި، ފަސާދައާއި ނުއެކަށޭނަ ހަދިޔާތަކުން ބަރާވެފައެވެ. އާދައިގެ ނިކަމެތި ރައްޔިތުންގެ ހައްގު ހޯދައިދީ އިންސާފު ގާއިމުކޮށްދެން ޖެހޭ ހިނދު ގާނޫނު ހިކި އަނަރޫފަވަނީ ތޯއްޗެކެވެ. އިއްޒަތްތެރިވެ ޖާހުފަލަވުމުން ގާނޫނު ހަށިހެޔޮވެ، ލޮކިމަސް ޖަހާ ފަލަވަނީ ކަންނޭނގެއެވެ. ކޮންމެ ގޮތެއް ވެގެންނަމަވެސް އިންސާފު ފަނޑިޔާރުގެ ހިތެކެވެ. ފަނޑިޔާރުންގެ ބޮލުގައި އޮތް ތާކިހާކޮޅު ފޮރުވިފައިވަނީ ބޮޑު ހުދު ޖަނގިޔާކޮޅެއްގެ ސަބަބުންނެވެ.

ކަން އޮތީ މިހެންކަމަށްވުމުން ގައުމުގެ ހާލެއް ނެތެވެ. ހަސްފަތާލުގައި އެނދުމަތިކުރަން ޖެހިއްޖެއެވެ. ރައްޔިތުން މަގުމަތިވެއްޖެއެވެ. ދައުލަތުގެ ހަޒާނާ ކަތުރުފަނި ކައި ހުސްކޮށްފިއެވެ. އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ގަދައަޅައި ހިއްވަރުކުރާ ފަރުދުންގެ ހެދުންތަކުގެ ކަނިކެނޑިއްޖެއެވެ. ބޮޑު މުސާރައާއި، ދުޅަހެޔޮ ސިއްހަތާއި އިއްޒަތުގެ ލަގަބު އޮތީ "އިއްފަތްތެރި ކަސްބީންނަށެވެ".

No comments:

Post a Comment