2013/02/07

ދިވެހިން ބަނޑަށް ޖެހެން ކައިރިވަމުންދާ އިރު- ސިޔާސަތު ކަނޑައަޅާ ފަރާތްތައް ކަހާތަން ހިރުވާވެސް ނުލާ!

ބޮޑު ތަދުގެ ދުވަސްވަރު މަގޫފަތް ކޭ ހާދިސާއަކީ ދިވެހިންގެ ހިތްތަކުން ފިލާދާހާ ދުވަސްވީ ކަމެއް ނޫނެވެ. އެހަނދާންތަކާއި އެތަޖުރިބާއާއެކުގައި ދިރިއުޅެމުން ދާ މީހުން އަދިވެސް އެބަތިއްބެވެ. މިހާރު ގައުމުގެ އިގުތިސާދީ ހާލަތު ދައްކާ ގޮތުން އަލުން މިފަދަ ދުވަހެއް ކުރިމަތިވެދާނެކަމުގެ ކުލަތައް މިދަނީ ފެންނަމުންނެވެ. ގައުމެއްގެ އިގުތިސާދު ފުނޑުފުނޑުވުމަށް މެދުވެރިވާ ސަބަބުތަކާއި އެކަމުގެ އަލާމާތްތައް މިހުރީ ދިމާއަށް ފެންނާށެވެ. ލިބޭ މިންވަރަށް ވުރެ ޚަރަދުތައް ބޮޑުވެ ދަރަނި ބޮޑުވެއްޖެއެވެ. ގައުމުގެ ހަމަޖެހުން ގެއްލި ކުށްތައް އާންމުވެއްޖެއެވެ. އާދޭހެވެ. ގައުމު ބަނޑަށް ޖެހެން ކައިރިވެއްޖެ ކަމުގެ އިންޒާރުގެ ބެރުއަޑު މިދަނީ އިވެމުންނެވެ. އެހެނަސް މިކަމާ ވިސްނަނީ ފަހެ ކާކުހެއްޔެވެ؟

ގައުމެއްގެ އިގުތިސާދު ފުނޑުފުނޑުވެ ގައުމު ބަނޑަށް ޖެހެމުން ދާއިރު ފެންނާނެ އަލާމާތްތައް މިދަނީ ފެންނަމުންނެވެ. ދައުލަތުގެ މާލިއްޔާއަށް ލިބޭ އެއްޗަކަށްވުރެ ކުރެވޭ ޚަރަދު އިތުރުވެ، ދިވެހި ފައިސާގެ އަގު ދަށްވެ، މާލޭގެ ލާމަ (އިންފްލޭޝަން) މަތިވެއްޖެއެވެ. އުފެއްދުންތެރިކަން ދަށްވެ، ވަޒީފާއެއް ނެތިފައި ތިބޭ މީހުންގެ އިންސައްތަ ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން ގައުމު އިގްތިސާދީ އަނދަވަޅަކާ ދިމާއަށް ދާއިރު، އިޖުތިމާޢީ ގޮތުން ފުން މިން ނޭނގޭ ކަނޑެއް ފަދައެވެ. ކަން އޮތީ މިހެން ކަމަށް ވިޔަސް، ގައުމުގެ ކަންކަމުގައި ގޮތް ކިޔައި ކަންކަން ނިންމަން ތިބި ފަރާތްތަކަށް މިކަންކަން ރެއަކާލާހެނެއްވެސް ހިއެއް ނުވެއެވެ.
އެންމެ މަތިން ފެށިގެން ބަލާއިރު، ގައުމުގެ އެންމެ އިސްވެރިޔަކީ ރައީސުލް ޖުމުހޫރިއްޔާއެވެ. ތިރީސް އަހަރުގެ ދިގު ވެރިކަން އެހެން ފަރާތަކާ މަތިކުރީ "ދައުލަތުގެ ދަރަނި ބޮޑުވެ ދަރިންގެ ދަރިންނަށް ދާންދެން ދަރުވާލާފައިވާކަން" ވިސްނައިދިނީތީއެވެ. ސީނިއަ މިނސްޓަރުންނާއި އެހެނިހެން ނަންނަމުގައި ގާތް މީހުން ތަންތަނުގެ ވެރިންނަށް ލައި، ދައުލަތުގެ މާލިއްޔާއިން ބޭކާރު ގޮތުގައި ޚަރަދުކުރާތީއެވެ. ކޮރަޕްޝަން ގިނަވެ ސަލާމަތް ނުވާވަރު ވެފައިވާތީ އެކަން ނައްތާލުމަށެވެ. މިކަން ކަމުގެ ސަބަބުން ދިވެހިން ބަނޑަށް ޖެހެން ކައިރިވަމުން ދާތީއެވެ.
ދެން ވެރިކަމާ ހަވާލުވެލެއްވީ އެތައް ވައުދުތަކަކާއެކު، އެތައް ބައެއްގެ (މިދެންނެވި) އުންމީދުތައް ކޮނޑުފުޅުގައި އަޅުއްވައިގެން ނިކުންނެވި ފަރާތެކެވެ. ވެރިކަމުގެ ދުވަސްތައް ގުނެމުން ދިޔަވަރަކަށް އުންމީދުތައް ދިޔައީ ފަނޑުވަމުންނެވެ. ޚަރަދު ކުޑަކުރުމުގެ ނަމުގައި އާދައިގެ ނިކަމެތި މުއައްޒަފުން ވަޒީފާތަކުން ކަނޑއްވާލައްވާފައި، ތަފާތު ނަން ނަމުގައި ޕާޓީގެ އަރިސް މީހުންނަށް މަގާމުތައް ބައްސަވަން ފެއްޓެވީ އެވެ. މިފަހަރު ސީނިއަ މިނިސްޓަރުންނެއް ނޫނެވެ. އެޑްވައިޒަރުންނާއި ކައުންސިލަރުންނެވެ. ކޮންމެ މިނިސްޓަރަކަށް ދެތިން ނައިބުންނާއި، ސްޓޭޓް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ ނައިބުންނެވެ. މިނިސްޓަރުންގެ ނައިބުންގެ ފެންވަރުގެ ވެރިންނެވެ. މިކަހަލަ އެތައް ނަމަކާއެކު ސަރުކާރުގެ މަތި ބަރުކޮށްލެއްވީ އެވެ. ކޮރަޕްޝަން ނައްތާލަން ހިފާލި ގޮތުން ހުރިހާ ޕްރޮޖެކްޓްތައް އަރިވީ ޕާޓީގެ އެންމެ އަޑުގަދަ މީހާގެ ކުންފުންޏާ ދިމާއަށެވެ. އޮޑިޓް ރިޕޯޓުތަކުން މިލިއަން ރުފިޔާގެ ގެއްލުމުގެ ވާހަކަތައް އާންމު ވީއެވެ. ޕީޕީޕީއާއި މެގަ ޕްރޮޖެކްޓްތައް އެއްފަހަރާ އޮއްސާލުމުން ދައުލަތުގެ ބަޖެޓް ތިރިއަށް ސޮއްސާލީއެވެ. ދިވެހި ފައިސާގެ އަގު ވެއްޓި ޑޮލަރު އިތުރަށް އަގު ބޮޑުވެ، މުދާ އަގުބޮޑުވީއެވެ. މިހުރިހާ ކަމެއްގެ ތެރޭން ލާފައި ގޮސް ދައުރުގެ ދެބައި ވީތަނާ ވެރިކަމުގެ ގޮނޑިން ފައިބަންނަވަން މަޖުބޫރުވީއެވެ.
ދެން ރައީސްގެ ގޮނޑީގައި އިށީންނެވީ ނައިބުރައީސްގެ ގޮތުގައި އިންތިޚާބުވެފައި ހުންނެވި ފަރާތެވެ. މަތި ބަރު ނުކުރައްވާނެކަމަށް ވިދާޅުވި އަޑު ކަންފަތްތަކުގައި ރަނގަބީލުވޭވޭ ހުއްޓާ، އަނެއްކާވެސް މިނިސްޓަރުންގެ ނައިބުންގެ ތިންހަތަރު މީހުން ކޮންމެ މިނިސްޓްރީއަކަށް ލެއްވީއެވެ. އަދި ސްޓޭޓް މިނިސްޓަރުންނާއި ނައިބުން ފެންވަރުގައި މީހުން ވަޒީފާތަކަށް ލައްވަން ފެއްޓެވީއެވެ. ދައުރު ނިމޭއިރު ކޮރަޕްޝަނުގެ މައްސަލަތައް ފެންމަތިވެދާނެކަމަށް ގަބޫލުކުރެވޭ ފަދަ އަމަލުފުޅުތައް ކުރައްވަން ފެއްޓެވީއެވެ. މިދައުރުގައި ދެ ރައީސުން ރައީސްކަން  ނިމޭއިރު ދައުލަތުގެ ދަރަނި ހުރީ "ރަތަށް" އަރައިފައެވެ. މިދެންނެވުނީ ދައުލަތް ހިންގުމުގެ އެންމެ އިސްވެރިންގެ އިގްތިސާދީ ރޭވުންތެރިކަމުގެ ވާހަކައެވެ.
ދެން އޮތީ ދައުލަތުގެ ގާނޫނު ހެދުމުގެ ބާރެވެ. މިބާރު ލިބިފައިވާ "ރައްޔިތުންގެ މަޖުލީހު"ގައި 77 މެންބަރުން ތިބެއެވެ. ދައުލަތުގެ ޚަރަދާއި ލިބޭ އާމުދަނީއާ ދިމާނުވާ ބޮޑެތި ބަޖެޓްތައް ފުއްޓަތްކެއް ޖަހާލާހާ ފަސޭހައިން ފާސްކޮށް ނިންމާލައެވެ. އިގްތިސާދީ ޚާއްސަ ހާލަތުގައި ރައީސްގެ މުސާރައިންނާއި ވަޒީރުންނާއި އެހެނިހެން މުއައްޒަފުންގެ މުސާރައިން ބައެއް ކަނޑަމުން ގެންދިޔައިރު، ރައްޔިތުންގެ ވިންދާއި އިހުސާސް ދަންނަ، ރައްޔިތުންގެ ޙައްގުގައި ވަކާލާތުކުރައްވާ ކަމަށް ވިދާޅުވާ މެންބަރުންގެ ބޮޑު މުސާރައިން ހަތަރުއަނާގެ މިންވަރުވެސް ކަނޑާލާކަށް އެއްބަސްވެވަޑައިއެއް ނުގެންނެވިއެވެ. މިކަން ކުރެވޭތޯ ބެލުމަށް ހުށަހެޅި ބިލް ފުޓެއް ޖައްސަވާފައި ތަޅުމުން ބޭރުކޮށްލެއްވީއެވެ. އެއަށް ފަހު މަޖުލީހުގައި ޒުވާބުކުރައްވަން ތިއްބަވާފައި، ދައުލަތުގެ މާލިއްޔަތުން ލައްކައިން ޚަރަދުކޮށްގެން (މަޖުލިސް އޮންނަ ދުވަހު) ސައިފޮދު ހިއްޕަވާ، ފަރީއްކުޅުއްވާ ހައްދަވާފައި، ވިހިހާސް ރުފިޔާގެ ކޮމެޓީ އެލަވަންސުގެ ބިލަށް ހަތަރެސްފައިން ތާއީދުކުރައްވާ، ބިލު ފާސްކޮށްލައްވައި، އަމިއްލަފުޅަށް މުސާރަ ބޮޑުކޮށްލެއްވީ އެވެ. ދައުލަތުގެ ދަރަނި ބޮޑުވަމުން ދާއިރު އެކަމަށް ބެއްލެވުމެއް ނެތި ބިލްތައް ފާސްކޮށްލައްވަނީ އެވެ. މިނިވަން މުއައްސަސާތައް އުފައްދަވައި، ބޮޑެތި މުސާރަތަކެއް ހަމަޖެއްސެވީއެވެ.
މިހުރިހާ ކަމެއް މިހެން ހުރުމުން ދެންނެވެން އޮތީ ގައުމު ބަނޑަށް ޖެހެމުން ދާއިރުވެސް ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް މިކަން ރެއަކާލާހެންވެސް ހީނުވާ ކަމަށެވެ. އެކަން އެނގޭނަމަ އެތައް ބިލިއަން ރުފިޔާއިން ގައުމު ދަރާއިރު ބަޖެޓަށް ލުޔެއް ލިބޭނެ ކޮންމެވެސް ރަނގަޅު ބުއްދިއެއް ކުރެވޭތޯ ބަލާނެތާއެވެ. ކޮންމެއަކަސް މިހުރިހާ ކަމެއްގެ ވޭން އުފުލަން ޖެހޭނީ ނިކަމެތި ރައްޔިތުންނަށެވެ. ވީމާ ރައްޔިތުން މިކަމާ ދުރާލާ ތައްޔާރުވާން އެބަޖެހެއެވެ. ގޯތިތެރޭގައި ކާބޯތަކެތި ރައްކާކޮށްފައި ގިނަ ދުވަހަށް ބެހެއްޓޭވަރުގެ ކޮށާރެއް ހަދައި، މަހަކު ވަކިވަރެއް ޖަމާކޮށް ރައްކާކުރެވޭތޯ ބަލަމާ ހިނގާށެވެ. ހިނީގެ މަސައްކަތުން އިބުރަތް ހޯދައިގެން މިކަން ކުރަން އުޅޭށެވެ. "ގޮއި ހަސަންބެ ހަނޑޫވަޅު" ފަދަ ތަނެއް ހަދައިގެން ވިޔަސްމެއެވެ.
ނޯޓު:
ގޮއި ހަސަންބެ ހަނޑޫވަޅު: ގޮއި ހަސަންބެ ކިޔާ މީހަކު ކުރިން ނޮޅިވަރަމުގައި ދިރިއުޅުނެވެ. އޭނާއަކީ ރަށުގެ މުއްސަންޖެކެވެ. އޭނާ ހަނޑޫ ގެނެސް ރައްކާކޮށްފައި ބެހެއްޓި ވަޅުކަމަށް ބުނާ (ތެޅިގަލުން އަޑިއަށް ރާނާފައިވާ) ވަޅެއް ރަށުގެ މީހުން ނޫޅޭ ހިސާބު ދުރުގައި އަދިވެސް ފެންނަން އެބަހުއްޓެވެ.

No comments:

Post a Comment