2019/02/08

އަޅުގަނޑުގެ ތަސައްވަރު: ހަނިމާދޫ ބައިނަލްއަގުވާމީ ވައިގެބަނދަރު

 
ހދ ހަނިމާދުއަކީ، ބޮޑުތިލަދުންމަތީގައި އޮތް އެންމެ ބޮޑު ރަށެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 6 ވަނައަށް އެންމެ ބިން ބޮޑު ރަށެވެ. ދިގުމިން 4 މޭލަށްވުރެ ދިގު މިރަށުގެ ބިމުގެ ބޮޑުމިނުގައި 259 ހެކްޓަރު ހުރެއެވެ. މީގެއިތުރުން، ހަނިމާދުއަކީ އުތުރުގައި ފުރަތަމަ ގާއިމުކުރި ވައިގެ ބަނދަރު އޮންނަ ރަށެވެ. މި ރަށުގައި އޮންނަ ސަރަހައްދީ ވައިގެ ބަނދަރުގެ ނަންބޯޑު، ބައިނަލް އަގުވާމީ ވައިގެ ބަނދަރަކަށް ބަދަލުކުރިތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް، ހަފުތާއަކު އެއް ފަހަރު، ތްރިވެނަންތަޕޫރަމަށް "ބައްތެއްޔެއްގައި" ދިޔުން ފިޔަވައި ކުރެވޭ ކަމެއް ނެތެވެ. އެކަމަކު އުތުރުގައި ފަތުރުވެރިކަން އާލާކުރުމަށް، ހަނިމާދޫ ވައިގެ ބަނދަރަކީ މުހިންމު މަރުކަޒަކަށް ހެދިދާނެއެވެ. ފުރިހަމަ މާނައިގައި ބައިނަލް އަގުވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ތަރައްގީކޮށްގެންނެވެ.  


ރަންވޭ ދިގުކުރުން: 

މިހާރު ވައިގެ ބަނދަރު ސަރަހައްދަށް ރަށުގެ ބިމުން،ގާތްގަނޑަކަށް 2.5 މޭލުގެ (4.03 ކމ) ދިގު ސަރަހައްދެއް އެވަނީ ނަގާފައެވެ. އެހެންކަމުން، އެންމެ ބޮޑެތި ބޯޓުފަހަރު ޖެއްސޭވަރުގެ ރަންވޭއެއް އެޅުމަށް އެކަށީގެންވާ ޖާގައެއް އެބައޮތެވެ. ސ ގަމު ބައިނަލް އަގުވާމީ ވައިގެ ބަނދަރުގެ ރަންވޭގެ ދިގުމިނުގައި ހުރީ 3.1ކމ (3100 މ) އެވެ. ހުޅުލޭގައި ހެދި އައު ރަންވޭގެ ދިގުމިނުގައި ހުރީ 3.4 ކމ (3400މ) އެވެ. މިއީ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ޖެއްސޭވަރުގެ ރަންވޭކަމަށް ވާއިރު، ހަނިމާދޫ ވައިގެ ބަނދަރު ވެސް މިފެންވަރަށް ތަރައްގީކުރާކަށް ބިމުގެ ދަތިކަމެއް ނެތެވެ. މިހާރު ވައިގެބަނދަރަށް ނަގައިފައި އޮތް ބިމުން، ހަނިމާދޫ ކޮޅުން އިތުރަށް ޖާގަ ނުނަގައި، ރަށުގެ ދެކުނުކޮޅުން، ކުޑަ ތަންކޮޅެއް ހިއްކައިގެން 3.4 ކމ (3400 މ)ގެ ރަންވޭއެއް އެޅޭނެއެވެ. ރަށުގެ ދެކުނުކޮޅަށް ހިމަކޮށް އޮތަސް، އެދިމާގައި އޮތީ ތިލަ ފަޅަކަށް ވީތީ، ހިއްކުމަކީ ވެސް މާ އުނދަގޫކަމަކަށް ނުވާނެއެވެ. ނަމަވެސް، މިފެންވަރުގެ ރަންވޭއެއް ހެދޭނީ އެ ވައިގެބަނދަރު ބަންދުކޮށްގެނެވެ. މިކަން ކުރަން މާ ބޮޑު ދައްޗެއް އޮތް ކަމަކަށް ވެސް ނުފެނެއެވެ. މިހާރު، ކުޅުދުއްފުށީ ވައިގެބަނދަރު އެވަނީ ރަންވޭގެ މަސައްކަތް ނިންމާ، ޓެސްޓު ފްލައިޓު ވެސް ޖައްސާފައެވެ. ސަރަހައްދީ އެއާޕޯޓެއްގެ ގޮތުގައި ކުޅުދުއްފުށީ ވައިގެބަނދަރު ބޭނުންކުރަން ފެށުމުން، ހަނިމާދޫ ވައިގެބަނދަރު ބަންދުކޮށްގެން، ތަރައްގީކުރުމުގެ މަސައްކަތް ފަށަންވީއެވެ. އަނެއްކޮޅުން، ހއ މާފިނޮޅުގައި ވައިގެބަނދަރެއް ހެދުމުގެ މަސައްކަތް އެދަނީ ކުރެވެމުންނެވެ. އެ އެތަން ނިމުނީމާ އެއްވެސް ދައްޗެއް ނެތި މިކަން ކުރެވިދާނެ މަގު ފަހިވީއެވެ.

މޫދަށް ޖައްސާ މަތިންދާބޯޓު މަރުކަޒެއް ގާއިމުކުރުން:

ހަނިމާދޫ ވައިގެ ބަނދަރުގެ ރަންވޭ 3400 މީޓަރަށް ދިގުކޮށް، ފުރިހަމަ މާނައިގައި، ބައިނަލް އަގުވާމީ، ވައިގެ ބަނދަރެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުގެ ކުރިން، ހަނިމާދޫ ފަޅުގައި، މޫދަށް ޖައްސާ ބޯޓުތަކަށް މަރުކަޒެއް ހަދަންވާނެއެވެ. އެކަމަށް، އެންމެ ރަނގަޅު ސަރަހައްދެއް، ހަނިމާދޫ ފަޅުން ލިބޭނެއެވެ. ހުޅުލޭފަޅުގައި، މޫދަށް ޖައްސާ ބޯޓުތަކަށް އޮންނަ ސަރަހައްދުގެ (ހުޅުމާލެ ދެކުނު އިރުމަތީ ކަނުން ބަލާއިރު) ދިގުމިނަކީ ގާތްގަނޑަކަށް 1200 މީޓަރެވެ. އެދިމާއިން، ހުޅުލޭ އެއާޕޯޓާ ދެމެދުގެ ފުޅާމިނަކީ 500 މ އެވެ. އެންމެ ފުޅާ ދިމާގައި ހުރީ 800 މީޓަރެވެ. ހަމަ މިވަރުގެ ސަރަހައްދެއް ހަނިމާދޫ ފަޅުން، ދައްޗެއް ނެތި ލިބޭނެއެވެ. އެހެންކަމުން، "ސީޕްލޭން ބޭސްއެއް" ހެދުމުން، މަރުކަޒީ ވައިގެބަނދަރަކަށް ވަރަށް ފުރިހަމަ ތަނަކަށް ހަނިމާދޫ ވައިގެބަނދަރު ވާނެއެވެ. ލަންކާ، އިންޑިއާމަގުން، ރާއްޖެ އަންނަ މީހުންނަށް، އެޔަށް ވުރެ ފަހި ވައިގެބަނދަރެއް ނޯންނާނެއެވެ. ހަނިމާދޫން ނައްޓާލައިގެން، ކުޑަކޮށް އަނބުރާލައިގެން ވަޑިފަތިކޮށް، ލަންކާގެ، ކޮލަންބޯ ވައިގެބަނދަރަށް މިސްރާބު ޖެހޭނެއެވެ. ލަންކާގެ ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއާޕޯޓާ ހަނިމާދޫ އެއާޕޯޓާ ދެމެދުގައި ހުރީ ގާތްގަނޑަކަށް 740 ކިލޯމީޓަރެވެ. އިންޑިއާގެ ތްރިވަނަންތަޕޫރަމް އެއާޕޯޓާ ދެމެދުގައި ހުރީ ގާތްގަނޑަކަށް 456 ކމ އެވެ.

ފެންވަރު ރަނގަޅު ގިމަތައެއް ހެދުން:

ހަނިމާދޫ އެއާޕޯޓުގެ ފަސިންޖަރު ގިމަތަ ހަދާނީ، ކަނޑަށް ޖައްސާ ބޯޓުތަކުން ދަތުރުކުރާ މީހުންނަށް ވެސް، ބޭނުންކުރެވޭ ގޮތަށް، ސީޕްލޭން ބޭސްގެ އުތުރުންނެވެ. އޭރުން، ދަތުރުވެރިންނަށް ހުރިހާ ގޮތަކުން ވެސް ފަސޭހަވާނެއެވެ. އެއީ، ފަސިންޖަރުން ލޯންޗުން ފައިބާ ގޮތަށް ގިމަތައަށް ވަދެވޭހައި ކައިރީގައި ގިމަތަ ހެދޭނެ ފުރިހަމަ ޖާގަ އެބައޮތެވެ. އަދި، ވަކިވަކި އިމާރާތްތަކެއް ހަދަން ނުޖެހި، އެއް އިމާރާތަކުން ހުރިހާކަމަކަށް ބޭނުންކުރެވޭނަމަ، އިމާރާތްކުރުމުގެ ޚަރަދު ކުޑަކުރެވޭނެއެވެ.

ކަން އޮތީ މިހެން ކަމަށް ވާއިރު، ރާއްޖޭގެ އެންމެ އުތުރުގައި، ފަތުރުވެރިކަން ތަރައްގީކޮށް، ފަތުރުވެރިންނަށް، ދަތުރުފަތުރު ލުއިކޮށްދިނުމުގެ ގޮތުންނާއި، ބޮޑުތިލަދުންމަތީގެ ތަރައްގީއަށް ޓަކައި، ހަނިމާދޫ ވައިގެބަނދަރު ތަރައްގީކުރަން އެބަޖެހެއެވެ. މިކަން އަވަސްކުރުމަށް، ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ބަލައި، އެކަމަށް މަގުފަހިކުރުމަށް ހަނިމާދޫ ކައުންސިލު މެންބަރުންގެ އަޣުލަބިއްޔަތުން ގަރާރެއް ފާސްކުރަންވީއެވެ. އެއާޕޯޓުގެ ވެރިންނާއި، ދާއިރާގެ އިއްޒަތްތެރި މެންބަރާ ގުޅިގެން، އަވަހަށް މަސައްކަތް ފަށަންވީއެވެ. އަތޮޅުގެ އެހެން ރައްޔިތުން ވެސް މިކަމުގައި ބައިވެރިވާންވީއެވެ. މިއަދު ހަނިމާދޫ ރައްޔިތުން ކައުންސިލަށް އިލްތިމާސްކުރަންވީ، އަތޮޅުވެރިކަން، ހަނިމާދުއަށް ގެނެސްދޭތޯއެއް ނޫނެވެ. ހަނިމާދޫ ވައިގެބަނދަރު ފުރިހަމަ، ބައިނަލްއަގުވާމީ ވައިގެބަނދަރަކަށް ހެދޭތޯއެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. އަޅުގަނޑުގެ ތަސައްވަރެވެ. އަޅުގަނޑުގެ އުންމީދެވެ.

No comments:

Post a Comment