ނޮޅިވަރަމު މަކުތަބު (މަކުތަބުއް ޞަބާހު) ހިންގާނެ މީހަކު، ކިޔަވައިދޭނެ އެދުރަކު ނެތި، މަރުތަޅުއެޅުވިފައި ވަނިކޮށް، އަހަރެންގެ ބައްޕަ، ނޮޅިވަރަމުގެ ތައުލީމުގެ "ބައްޕަ"، (ޢަބްދުﷲ މޫސާ) މާލޭ ފިހާރައެއްގައި ވަޒީފާގައި ހުރެފައި، ރަށަށް އައިސް ދެވަނަ ފަހަރަށް މަކުތަބު ހިންގުމާ ހަވާލުވިއެެވެ. އަދި ކިޔަވައިދޭން ފެށީ އެކަނިމާއެކަންޏެވެ. އެއީ 1984ގައެވެ.
ކުރިން ވަޒީފާ އަދާކުރި ފިހާރައިގެ ވެެރިޔާ، އަހަރެންގެ ބައްޕައަށް ވިޔަފާރިއަށް މަގުފަހިކޮށްދިނެވެ. ވިޔަފާރިފެށުމަށް ބޭނުންވާނެ ރައުސުލްމާލު ދޭން ބުންޏެވެ. ކާމިޔާބު ވިޔަފާރިވެރިއެއްގެ ގޮތުގައި ދިރިއުޅުން ބިނާކުރުމަށް މަގުތަނަވަސް ކޮށްދިނެވެ. ނަމަވެސް ބައްޕަ ޚިޔާރުކުރީ ދަތި ހާލުގައި ވެސް، ނޮޅިވަރަމުގައި ތައުލީމު ފެތުރުމަށެވެ.
ބައެއް މީހުން ބުނެފާނެއެވެ. ބައްޕައަކީ މޮޔައެކެވެ. އެ ފުރުސަތު ބޭނުންކުރި ނަމަ ރަނގަޅު ވިޔަފާރިވެރިއަކަށް ވެވުނީހެވެ. އެކަމަކު ބައްޕަ އެދުވަހު އެ ނިންމުން އެ ގޮތަށް ނިންމި ނަމަ، މިއަދު ރަށު މީހުން ފާޑުކިޔާކަށް ވެސް، އާޑަކިޔާކަށް ވެސް، ތައުރީފުކުރާކަށް ވެސް ނޮޅިވަރަމު ސްކޫލެއް ނުހުރީހެވެ. އަދި މެދުނުކެނޑި 21 އަހަރު ވަޒީފާ އަދާކުރި ސްކޫލުން، އެހާދުވަހު އަދާކުރި ވަޒީފާ ގެއްލި، މުސްކުޅިވީ ދުވަހު އަލުން ބުރަ މަސައްކަތަށް ނިކުންނާކަށް ވެސް ނުޖެހުނީހެވެ. ބައްޕަގެ ދަރިންނަކީ ވެސް އެކި ދާއިރާއިން މަޝްހޫރު ވިޔަފާރިވެރީންނަށް ވީސްތޯއްޗެކެވެ.
ކާމިޔާބު ވިޔަފާރިވެރިއަކަށް ނުވުމަކީ ބައްޕަ ފަދަ އިލްމީ ހިދުމަތްތެރީންގެ އިލްމީ މަސައްކަތާއި އިލްމު އުނގެނޭ ނުވަތަ އުނގެނިގެން ތިބި މީހުންނަށް މަލާމަތް ކުރަން ޖެހޭ ސަބަބެއް ނޫނެވެ. ތަނެއްގެ ރައްޔިތުންގެ ތެރެއިން ބައިމަދު މީހުން، އެ މުޖުތަމައެއްގައި ތާހިރު ގޮތުގައި ދިރިއުޅެވޭތޯ ބެލުމަށް ކުރާ އެންމެ މުހިންމު އެއް ކަމަކީ އެމީހުންގެ ދަރީނަށް ކިޔަވައިދިނުމެވެ. އެހެނީ ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުގައި ބައި މަދު މީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ފިއްތުންތައް ނުހަނު ގިނަވާނެއެވެ.
90ގެ ފަހުކޮޅު ކުޑަ ވޭލަރުގަނޑެއް މީހަކު ގެނައެވެ. އެއީ ރަށަށް އެންމެ ފުރަތަމަ ގެނެވުނު އެފަދަ އެއް އުޅަނދެވެ. އެއް ދުވަހަކު ދަތުރުތައް ނިންމާލުމަށް ފަހު ފަޅުގައި އެޅިއެވެ. ރޭވެފައި އަލިވިލުނު އިރު ވޭލަރުގަނޑެއް ނެތެވެ. ދެން މީހަކު ހޮޓަލެއް ހުޅުވިއެވެ. މެންދަމުގެ ވަގުތެއްގައި ރޯވެ އަނދާ ހުލިވީއެވެ. އެހެލާފައި ހުރި ލޯންޗުގަނޑު ވެސް އަނދާ އަޅިއަށްވީއެވެ. ކަންވީ ގޮތް މޮޅަށް ދެނޮވޮޑިގެން ވަނީ ﷲ އެވެ.
ކޮންމެއަކަސް ބައްޕައަކީ އާއިލާގެ ހުންގާނެވެ. ބައްޕަގެ މިސްރާބަށް ދަރިން ދަތުރުކުރުމަކީ ތަބީއީ ކަމެކެވެ. ނަމަވެސް އަހަރެން ކިޔަވައިދިނުމުގެ ދާއިރާއަށް ވަނުމުގެ ޝައުގުވެެރިކަމެއް ނެތެވެ. ގަސްތުކޮށްގެން ހުރީ ކިޔަވައި ނިމިގެން ވިޔަފާރިވެރިއަކަށް ވާށެވެ. އުންމީދު ކޮށްގެން ހުރީ ދެ އަހަރުވަންދެން ދަތުރުކުރަން އުޅެފައި އައިސް ކޮންމެވެސް ތަފާތު ވިޔަފާރިއެއް ފެށުމަށެވެ. އެކަމަކު ކަންދިމާވީ ތަދުބީރު ކުރިގޮތަކަށް ނޫނެވެ. އުމުރުން 20 އަހަރު ވީއިރު ހުރެވުނީ މުދައްރިސެއްގެ ވަޒީފާގައެވެ. އެހެންކަމުން އިންވެސްޓްކުރެވުނީ ތައުލީމަށެވެ. ވިޔަފާރިއަކަށް ނޫނެވެ. އެދުވަހުން ފެށިގެން ވިޔަފާރިއަށް އިންވެސްޓްކުރިނަމަ އެކަން ވީހެވެ. އެހެނަސް އެ ހުވަފެން އަދިވެސް އޮތީ ހުވަފެނެއްގެ ގޮތުގައެވެ. އެކަމަކު އިލްމަށް ކުރި ހޭދައިން ރަށަށް ފައިދާކޮށްފިއެވެ. ރަށުން ބޭރުގައި އަހަރެން އުޅުނަސް އިލްމުގެ މައިދާނުގައި އަހަރެން އިންދި އޮށްތަކުން ގަސްފަޅައި ބޮޑުވެ އެ ގަސްގަހުން މޭވާ އެދަނީ ލިބެމުންނެވެ.
އާއެކެވެ. ގަބޫލުކުރަމެވެ. ކާމިޔާބު ވިޔަފާރިވެރިއަކަށް ވުމަށް ކޮންމެހެން އިލްމީ މީހަކަށް ވުން ލާޒިމެއް ނޫނެވެ. އަމުދުން މިއަދު ދިވެހިރާއްޖޭގައި ކަން ހިނގާ ގޮތަށް ބަލާއިރު، އުނގަންނައިދޭ މީހުންނަކީ އަގެއް ހުރި ބަޔަކަށް ނުވެއެވެ. އަދި މަތީ ފާސްނަގައިގެން އުޅޭ މީހުންނަށް ވުރެ މަތީ މަގާމާއި ބޮޑު މުސާރަ ލިބެނީ ޕާޓީތަކުގެ ހަރަކާތްެރިންނަށެވެ. އެހެނަސް އިލްމީ މީހުންނާއި ތައުލީމު އުނގަންނައިދޭ މީހުން ވެސް ތިބެން ޖެހެއެވެ. އެންމެންނަކީ ވިޔަފާރިވެރިންނަށް ވާކަށް ނުޖެހެއެވެ. ކޮންމެ މީހަކީ ލޯންޗެއް ގެންގުޅެ މީހަކަށް ވާކަށް ނުޖެހެވެ. ޕިކަޕެއް ނުވަތަ ލޮރީއެއްގެ ވެރިއަކަށް ވާކަށް ނުޖެހެއެވެ. ބޮޑު ފިހާރައެއްގެ ވެރިޔަކަށް ވާކަށް ވެސް ނުޖެހޭމެއެވެ. އެއީ ފިތުރަތާ ހިލާފު ކަމެކެވެ. އެހެންވީމާ ތިމާ ނުރުހޭ ކޮންމެ ފަހަރަކު ތައުލީމީއޭ ގޮވާ ފޮށޭކަށް ނުޖެހޭނެއެެވެ. މާއްދީ މުއްސަނދިކަމެއް ނެތޭ ކިޔާ ގަނާކުރާކަށް ވެސް ނުޖެހެއެވެ. މާއްދީ މުއްސަނދިކަމަށް ވުރެ ނަފުސުގެ މުއްސަނދިކަން މާބޮޑެވެ.
No comments:
Post a Comment