2016/02/08

ދިވެހިން ރިޝްވަތެއް ނުހިފާނެ............

=އިލްޔާސް ޝުޖާޢު، އޯކިޑް، ހދ. ނޮޅިވަރަމް. 08-02-2016=

ދިވެހި ގައުމުން ނުފެންނާނޭ ނަމުން ރިޝްވަތު އެނގޭމީހެއް
                     މިވެށި ފުރިގެން ބަރާވެދަނީ އޮހޭ މަދަދާ ލިބޭ ހަދިޔާ
ކުރިން ކިއްލީގެ ވިޔަފާރިން ނަފާ ހޯދަން އުޅުނު މީހާ
                     ދުރުން އަހުރާމެކޭ ހީވާ ގެއެއް ގަތަކަސް އެއީ ހަދިޔާ
ކުރިން ކާލާނެ އެއްޗެއް ނެތި ދަމާކަނޑަމުން އުޅޭ މީހާ
                     ކުރިން ނުހިކޭ ރަށެއް ހިއްކާ، ފެށުން ވިޔަފާރި އެވެސް ހަދިޔާ
މަގުން އަތްގާޑިޔާ ދަމަމުން ގޮނޑަށް ގޮސް އައިސް އުޅޭ މީހާ
                     މަގުން "އުދުހޭ" އުޅަނދު އެއް ރެއިން ގަތަސް ގައިމޭ އެއީ ހަދިޔާ
ކުރިން މަގުގައި ވެގެން ނާޗާރު އުޅޭ ކަށިނޫ ޒުވާނުން ވެސް
                     ބިރުން ފަހަތަށް ނުގޮސް ހަޅުތާލުކުރަނީނަމަ ލިބޭ ހަދިޔާ
ނިކަން ބޮޑު އިއްޒަތާ އަބުރާ އެހައި ބޮޑު އިމްތިޔާޒާއެކު
                     "ސުކުން ފިއްޔާ" ބަދަލުކޮށްލަން އެ ލާ ވޯޓަށް ލިބޭ ހަދިޔާ
ޚަރަދުބަރަދުން ނަޖާ ނުވިޔަސް އުޅޭ ކުންފުނިތަކުގެ "އެމްޑީން"
                     ޝަރަމު ނެތި ލާރި އޮއްސިޔަކަސް ލަތީފީންނަށް އެއީ ހަދިޔާ
ދިމާއަށް ފެންނަ އެއްޗެއް ވެސް ތިމާއަށް ދޭހަ ނުމެވިޔަކަސް
                ތިމާ ވޯޓަށް އެދޭ ހިނދުގައި ބަހާ ފައިސާ އެވެސް ހަދިޔާ
މުދާ ތަރިކައިން ބަހަން އެދުމުން، މުދާ ބައްކޮށްލުމަށް އެދިގެން
                     މުދާ ބެއްސެވި އެ ގާޒީއަށް ދެވޭ ފައިސާ އެވެސް ހަދިޔާ
ރިސޯޓާ ފަޅުރަށާ ހޯދަން އެދޭ މުއްސަނދި "ސަފީރުން" ވެސް
                     ރިސޯޓެއް ލިބިދިނުން އެދިގެން ވަޒީރަށް ވެސް ދެނީ ހަދިޔާ
ޔަގީނުން ދިވެހި އުޑުދަށުގައި ނުވޭ ރިޝްވަތު އެނގޭ މީހެއް
                     ހަގީގަތުގައި ލިބޭ ހުރިހާ "ނަފާ" އަސްތާ އެއީ ހަދިޔާ
----------------------------------

No comments:

Post a Comment