2013/01/28

ހައިވާނުބަގީޗާގެ ވެރިޔާ މަކުނުކޮށްޓަށް ކުރި ޒިޔާރަތް.


ރިޕަބްލިކް އޮފް "ހައިވާނުބަގީޗާ" އަކީ 2004 ވަނަ އަހަރު ފެށި މުޒާހަރާތަކެއްގައި ރިފޯމްވެގެން އުފެދުނު ޖުމުހޫރިއްޔާއެކެވެ. މިނަމަށް ބަދަލުވެ ޖުމްހޫރިއްޔާ އުފެދުނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގައެވެ. އެދުވަހަކީ ޑިމޮކްރަސީއަށް މިކުޑަ ޖުމުހޫރިއްޔާ ހުޅުވުނު ތާރީޚީ ދުވަހެވެ. ދިގު 30 އަހަރުގެ ވެރިކަމަކަށް ފަހު އުފެދުނު މިޖުމުހޫރިއްޔާ ހިނގައިގަތީ ނުހަނު ބާރަށެވެ. ޕްރޯޑިމޮކްރަސީގެ އިންޖީނުއެޅުމުން ގައުމުގެ ދުވެލި ބާރުވެގެން ދިޔަ ތަން ބަލަން ގިނަ ރައްޔިތުން ތިބީ ނުހަނު ހެވިފައެވެ.
އަލަށް ގެނެވުނު ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ބަދަލަކީ ދައުލަތުގެ ބާރުތައް ވަކިކުރުމެވެ. މިގޮތުން ސަރުކާރު ހިންގާ ބާރާއި ގާނުނުހަދާ މަޖުލީހާއި އަދުލުއިންސާފުގެ ބާރު ވަކިކޮށްލެވުނެވެ. މިއިން ކޮންމެ ބާރަކީ މުހިންމު ބާރެކެވެ. ދައުލަތުގެ އަދި ސަރުކާރު ހިންގުމުގެ އެންމެ މަތީ ބާރަކީ ރައީސުލް ޖުމުހޫރިއްޔާ އެވެ. އަލަށް ގެނެވުނު ބަދަލާ ގުޅިގެން ރައީސަކަށް 10 އަހަރަށްވުރެ ގިނަ ދުވަހު ވެރިކަން ކުރުމުގެ ފުރުސަތެއް ނެތެވެ. އެއީ 5 އަހަރުގެ ދެ ޓާމެވެ. 2008 ވަނަ އަހަރު އަލަށް ވެރިކަމާ ހަވާލުވީ ހައިވާނު ބަގީޗާގެ ރައްޔިތުންގެ 53 އިންސައްތައިން ހޮވި ސިންގާ ރައީސެވެ.

ދެވަނައަށް އެންމެ މުހިންމު ބާރަކީ ގާނޫނުހަދާ މަޖުލީހެވެ. މިމަޖުލީހަކީ ކާފިއުގެ ވަގުތުގައި ގައުމުގައި ހުއްޓުމެއް ނެތި ހިންގޭނެ ހަމައެކަނި މުއައްސަސާއެވެ. މި މުހިންމު މަޖުލީހަށް ހައިވާނުބަގީޗާގައި ނަންދެވުނީ "މަކުނުކޮށީގެ" ނަމުންނެވެ. މިމަޖުލީހުގައި ގިނައީ މަކުނުތަކެވެ. މަދުމަދުން ފުއްލާވެސް ހޮވިފައިތިއްބެވެ. އަދި މަކަރުވެރިކަމުގައި ހުޝިޔާރު ދެތިން ހިޔަޅުވެސް ހޮވިފައިތިއްބެވެ. އެހެންކަމުން މިމަޖުލީހުގެ ހައިބަތު ވަރަށް ބޮޑުވެ ކޮންމެ މެންބަރެއްގެ ނަމުގެ ކުރިއަށް "އިއްޒަތްތެރި" މިލަފުޒު އިތުރުކުރެވުނެވެ. މަޖުލީހުގެ ޖައްލާސައްތައް ނުހަނު ފޯރީގައި ކުރިއަށް ގެންދަމުންދިޔައެވެ. ކޮންމެ ދުވަހަކުވެސް ރައްޔިތުން ހިތްހަމަޖެހޭ ފަދަ ކަންތައްތަކެއް މަޖުލީހުގެ ތަޅުމުން ދައްކަމުން ދިޔައީ ރައްޔިތުންނަށް ހެޔޮއެދޭ އިޚްލާސްތެރި، ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރާ ރައްޔިތުންގެ މެންބަރުންނެވެ. މިމެންބަރުންގެ އިޚްލާސްތެރިކަން ހާމަވީ، އިގްތިސާދީ ޚާއްސަ ހާލަތުގައި، އެންމެހާ މުއައްޒަފުންގެ މުސާރައާއި އެލަވަންސްގެ 15% އުނިކުރުމާ ގުޅިގެން، މަޖުލިސް މެންބަރަކު، އެމީހުންގެ މުސާރައިން ބައެއް އުނިކުރަން ހުށަހެޅި ހިސާބުންނެވެ. އެންމެ ލޯލާރިއެއްވެސް ކަނޑާލަން ފާސްނުކޮށް ބިލު ފުޓެއް ޖަހައި ބޭރުކޮށްލުމުންނެވެ.
ދެން ތަފާތު އެކި ބިލްތައް ބޭރުކުރެވެމުން ދިޔައެވެ. މިހެންކަންތައް ހިނގަމުން ގޮސް ރައްޔިތުންނަށް އެކަށީގެންވާ ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ނިންމަން ހުރި ބިލުތައް ގިނަވެ، ބަހުސްތައް ހޫނުވެ، ޒުވާބަށްވެ މަޖުލީހުގެ މޭޒުތަކުގެ މައްޗަށް އިއްޒަތްތެރި މަކުނުތައް އަރާ ފުމެންފަށައިފިއެވެ. ދެން މަޖުލިސްކުރިއަށް ގެންދިއުމަށް ދަތިވެ، ރައްޔިތުންނަށް ފައިދާހުރި ކަންކަން ބަޔާންކުރާ ބިލްތައް ފާސްނުކުރެވި ލަސްވާތީ، އެކަމަށް އަލިމަގެއް ހޯދުމަށް 60500 ރުފިޔާގެ މުސާރައަށް 20000 ރުފިޔާގެ ކޮމެޓީ އެލަވަންސެއް ދިނުމަށް ފާސްކުރިއެވެ. މަކުނުކޮށީގެ އިދިކޮޅު މަކުނުތަކާއި، ފުއްލާތަކާއި ހިޔަޅުތައްވެސް މިފަހަރު ގަނޑުކޮށް ވޯޓުދީ ބިލު ފާސްކޮށްލިއެވެ. ހައިވާނު ބަގީޗާގެ އެހެން ރައްޔިތުން މަކުނުކޮށިދޮށަށް މުޒާހަރާއަށް ނިކުތުމުން، ސަރުކާރުހިންގާ ޖަމާއަތުގެ މަކުނުތައް، އެ އެލަވަންސް ބޭނުންނޫން ކަމަށް ބުނެ ގޮތްދައްކާލިއެވެ.
ދެން އައީ މުޅިން އެހެން މަރުހަލާއެކެވެ. ގައުމު ހިންގުމުގެ މާލީ އެހީތެރިޔާ "ޖީއެސްޓީ" ގެ ބިލު ފާސްކުރުމެވެ. އެކަމަކު މަހުޖަނުން އަތުން އެއްޗެއް ދައުލަތަށް ދައްކަންޖެހޭތީ އިންކަމް ޓެކްސްގެ ބިލު އޮތްގޮތަށް ބާއްވާފައެވެ. ސަބަބަކީތޯއެވެ؟ މަކުނުކޮށީގެ މެންބަރުންނަށް ލިބޭ ބޮޑު މުސާރައިން ބައެއް ރައްޔިތުންގެ ހައްގުގައި ދައުލަތަށް ދައްކަން ޖެހޭތީއެވެ. މިކަމުގައި ވެސް އޯގާވެރި ސިންގާ ރައީސްގެ ޖަމާއަތުގެ މަކުނުތަކެކޭ އިދިކޮޅު ޖަމާއަތްތަކުގެ މަކުނުތަކެކޭ ވަކިތަފާތެއް ނެތެވެ.
މަކުނުކޮށީގެ އަސްލު ސޫރަ އެންމެ ރީތިކޮށް ފެންނަންފެށީ 2012 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 7ވަނަ ދުވަހު، ދިފާއީ ބާރުތަކުން ކުރި އިޖުތިހާދާ ގުޅިގެން އޯގާވެރި ސިންގާ ރައީސް އިސްތިއުފާދިނުމުން، ސިންގާ ރައީސްގެ ނައިބު ދރ. ފުއްލާ ވެރިކަމާ ހަވާލުވި ހިސާބުންނެވެ. އެއަހަރުގެ މަކުނުކޮށި ހުޅުވުމުގެ ޖަލްސާއަށް ދރ. ފުއްލާ ނުވެއްދުމަށް ސިންގާ ރައީސްގެ ޖަމާއަތުގެ މަކުނުތައް ފެށި ހަރަކާތްތަކުންނެވެ. ބައެއް މަކުނުތަކަށް އެދުވަހު ހީކުރެވުނީ މިއަދު މިތިބީ ޖަންގަލީގައިކަމަށެވެ. ސައްކެޔޮވަލުގައި ކަމަށެވެ. ބައެއް މަކުނުތައް ރިޔާސަތުގެ ގޮނޑިއަށް ފުންމައިގެން އަރާ ޖައްސާލީ ސައްކެޔޮގަހަށް އަރާ ބީދައިންނެވެ. ބައެއް މަކުނު ދޮންކެޔޮ ގަނޑުން ގިޓާކުޅެ ނަށާހެން މޭޒުމަތީގައި ނަށަމުންދިޔައެވެ. އެއް މަކުނު އަނެއް މަކުނާ ތޮޅެ، ދޮންކެޔޮގަނޑާ ހިފާހެން ޖެހި ސަކަރާތުގައި ހައިވާނުބަގީޗާގެ ދިދަ ބިންދާލައި ބައެއް ގޮނޑިތަކާއި މޭޒުތައް ވައްޓާލިއެވެ. އަދި އެންމެ ހައިރާންވާންޖެހުނު ކަމަކީ މަކުނުތަކުގެ ވޯޓުން ހޮވި، މަކުނުކޮށީގެ ރައީސް މަކުނުކޮއްޓަށް ވަނަނުދީ ހިފެހެއްޓި ހިފެހެއްޓުމެވެ. މިސަކަރާތުގައި މަކުނުކޮށި ހުޅުވުމުގެ ރަސްމިއްޔާތު ކެންސަލުކުރީ ދިހަ ގަޑިއިރު ވަންދެން މިސަކަރާތުގައި އުޅެފައެވެ.
ދެވަނަ ފަހަރަށް މަކުނުކޮށި ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަން ކަނޑައެޅީ މާޗުމަހުގެ ފަހުކޮޅުގައެވެ. އެދުވަހުގެ ކަންތައްތައްވެސް ވަކި ސަހަލެއް ނޫނެވެ. ކުރީދުވަހާ ޚިލާފަށް މަކުނުކޮށީގެ ރައީސް މަކުނުކޮއްޓަށް ވަނުމުގެ ފުރުސަތު ލިބުނެވެ. ނަމަވެސް އިދިކޮޅު މަކުނުތަކުގެ ހަރަކާތްތައް ފެށުމަށް މާގިނަ ވަގުތެއް ހޭދައެއް ނުވިއެވެ. މަކުނުކޮށީގެ ރައީސް އެޖެންޑާގެ ދެވަނަ ނަންބަރަކަށް ހުށަހެޅީ ހައިވާނުބަގީޗާގެ ރައީސް ދރ.ފުއްލާގެ ބަޔާން އިއްވުމުގެ ވާހަކައެވެ. މިކަމާގުޅިގެން އިދިކޮޅު މަކުނުތައް އަނެއްކާވެސް މޭޒުތަކުގެ މައްޗަށް އަރައި، ފެންފުޅިތަކުން މޭޒުގައިތަޅައި ލަވަކިޔަމުން ދިޔައީ "ބާޣީ" ގެ އަޑާއެކުގައެވެ. ދެތިން މަކުނުގެ ނަންއިއްވައި ބޭރުކުރިޔަސް މަކުނުކޮށީގެ ހާލަތަކަށް ބަދަލެއް ނައެވެ. ދރ. ފުއްލާ މަޖުލީހުގެ ތަޅުމަށް ވަދެފައި ބަޔާން އިއްވަން ނުފަށާ ނިކުންނަން ޖެހުނީ އެހެން ދެމަކުނެއްގެ ހަރަކާތްތަކުގެ ސަބަބުން ތަޅުމުން ނެރެން ޖެހި، އެކަމަށް ވަގުތުދިނުމަށް މަކުނުކޮށީގެ ބައްދަލުވުން މެދުކަނޑާލުމުންނެވެ.
ދެވަނަ ފަހަރަށްވެސް ދރ.ފުއްލާގެ ބަޔާން އިއްވޭތޯ މަކުނުކޮއްޓަށް ވެނެވެ. މިފަހަރު ބަޔާން އިއްވަން ފެށިވެސްމެއެވެ. ދެން ކުރިއަށްދިޔައީ އަދި މާރީތި މަންޒަރެކެވެ. ދރ.ފުއްލާ ބަޔާން އިއްވަނީއެވެ. އިދިކޮޅު މަކުނުތައް ރިޔާސަތުގެ މޭޒުކުރިމަތީ ނަށަނީއެވެ. މަކުނުކޮށީގެ ރައީސް މެންބަރުންގެ ނަން އިއްވަނީއެވެ. އިރުކޮޅަކުން މަޖުލިސް މެދުކަނޑާލީއެވެ. ތިން އެޕިސޯޑަށް ދެމިގެންދިޔަ "ރިޔާސީ ބަޔާން އިއްވުން" މިޑްރާމާ ނިމުނީ މިފަދަ ސަކަރާތަކާ އެކުގައެވެ. މަކުނުކޮށީގެ މިމަންޒަރުތައް ވަގުތުން ބަލަމުންދިޔަ މެދުމިނުގެ ރައްޔިތުން ތިބީ މާޔޫސްވެ ލަދުގެންފައެވެ. އެންމެ ގަދަރުވެރި މުއައްސަސާގެ ހާލަތާމެދު ކަންބޮޑުވެފައެވެ.

No comments:

Post a Comment