ބަނޑޭރިގަނޑު

2019/01/14

އަޅުގަނޑުގެ ތަސައްވަރު: ނޮޅިވަރަމުގެ ކުނި ނަގާ، ނައްތާލުމުގެ ނިޒާމު ގާއިމުކުރުން

PDF file for easy reading

ނޮޅިވަރަމަކީ 209 ހެކްޓަރުގެ ބޮޑު ރަށެކެވެ. އާބާދީގައި 2685 މީހުން ދިރިއުޅޭ މިރަށުގައި އެންމެ ބޮޑު އެއް މައްސަލައަކީ ރަށުތެރޭގައި ކުނި ގިނަވުމެވެ. ކުނީގެ މައްސަލައަކީ ޒަމާނުއް ސުރެ ބޮޑު މައްސަލައެކެވެ. ކުނި އުކާލާނެ ވަކި ދިމާއެއް ކަނޑައަޅާ ދައްކާފައި ނެތުމާއި، މި ބޮޑު ރަށުގައި މީހުން ދިރިއުޅެނީ މެދުތެރޭގައި ކަމަށްވުމުން، ވަށައިގެން އޮތް ވަލަކީ ގޮނޑުކަމަށް ރައްޔިތުން ޚިޔާރުކޮށްފައި ވުމަކީ މިކަން އިތުރަށް ބޮޑުވާން މެދުވެރިވި ކަންކަމެވެ. މީގެކުރިން ވެސް ކުނިގޮނޑެއް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދިޔައެވެ. އެފަހަރު އީޕީއޭގެ ހުއްދަލިބިގެން ގޮނޑު ހަދަން ކަނޑައަޅާ، ބިން އަލިކުރި ބޮޑު ސަރައްދު، ރައްޔިތުންނަށް ކުނިއަޅަން ދެއްކޭވަރު ނުވީ ކީއްވެގެންކަމެއް ނޭނގެއެވެ. ކޮންމެއަކަސް، މި ހިނގާ ޖަނަވަރީމަހު، އަނެއްކާ ވެސް، ކައުންސިލުން އާ ހިތްވަރަކާ އެކު ނުކުމެ، އެއްކަލަ ބިން ސާފުކޮށް، ކުނިއަޅަންވީ ތަންތަނާއި، ގޮތްތައް ބުނެދެއްވައިފިއެވެ. ކުޅި ކައިރިއަށް ކުނިއެޅުމަކީ، ދުރު މުސްތަގުބަލަށް ބަލާއިރު އެންމެ ރަނގަޅު ގޮތްކަމަކަށް އަޅުގަނޑަށް ގަބޫލުނުކުރެވުނު ނަމަވެސް، ރަށުގެ އިރުދެކުނު ފަރާތުން، ކުޅިއާ ކައިރި ހިސާބެއް ވެސް، ކުނިއަޅާ ތަނެއްގެ ގޮތުގައި ބިންއަލިކޮށްފިއެވެ. ދެ އަވަށަށް ދެ ގޮނޑެވެ. ދެން އޮތް ސުވާލަކީ ރަށުގައި މީހުން ދިރިއުޅޭ 372 ގެ ހުރިއިރު، މި ގޭގޭގެ ރައްޔިތުން، މިތަންތަނަށް ކުނި ގެންދާނީ ކިހިނެއްބާއެވެ؟


ކުރިންވެސް ދެންނެވިހެން، ރަށަކީ ބޮޑު ރަށެކެވެ. މީހުން އުޅެނީ މެދުތެރޭގައެވެ. ކުނިއަޅަން ދެއްކި ދެ ތަނަކީ ވެސް މީހުން އުޅޭ ސަރަހައްދާ ވަރަށް ދުރު ދެ ސަރަހައްދެވެ. ކުނިއަޅަން ރަނގަޅީ ވެސް ދުރު ސަރަހައްދެވެ. ނަމަވެސް، ރައްޔިތުން އަމިއްލައަށް، އެގެއަކުން އުކާލަން ޖެހޭ ކުނި ހިފައިގެން އެ ހިސާބަށް ހިނގައިފައި ދިޔުމަކީ ވަރަށް ބުރަކަމަކަށް ނޫނީ ނުވާނެއެވެ. ހިތްވަރެއް ހުރިއްޔާ، އެންމެ ކުނި ކޮތަޅެއް ހިފައިގެން، ބައިސްކަލުގައި ނޫނީ ސައިކަލުގައި ގޮސް އެއްލައިލެވިދާނެއެވެ. ނަމަވެސް އެއަށް ވުރެ އިތުރުވާނަމަ އެހެން ގޮތެއް ހޯދަން ޖެހޭނެއެވެ. މިކަން، ރައްޔިތުންނަށް ފަސޭހަވާނެހެން، ރައްކާތެރިގޮތަކަށް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުން މުހިންމުވަނީ މިހެންވެއެވެ.

ރަށުގައި ތިން ހަތަރު ޖަމިއްޔާ އެބަ އޮތެވެ. ޖަމިއްޔާތަކުގެ ތެރެއިން، ޖަމިއްޔާއެއް އިސްނަގައިގެން، އަގުނަގައިގެން ދޭ ޚިދުމަތެއްގެ ގޮތުގައި ކުނިއުކާލުމުގެ މަސައްކަތް ފެށުން އެއީ ކުރެވިދާނެ ކަމެކެވެ. އަގު ކަނޑައެޅުމުގެ ކުރިން ގޭގޭގައި އުފެދޭ ކުނީގެ ނިސްބަތް ކުޑަކޮށް ދިރާސާކޮށްލުން ބުއްދިވެރިއެވެ. މާލޭގެ ކުނީގެ ކަންކަން ބަލަހައްޓާ ސަރުކާރުގެ ކުންފުނީން، ކުނި އުކާލަދެނީ ގެއަކުން މަހަކު 150 ރުފިޔާގެ ފީއެއް ނަގައިގެންނެވެ. އެއީ ގޭގައި އުފެދޭ އާންމު ކުންޏެވެ. މާލޭގައި ނަގާ އަގުގައި، ކުނިއުކާލުމުގެ ކަންކަން އަޅުގަނޑުމެންގެ ރަށުގައި ނުކުރެވިދާނެއެވެ. މީހުން ދިރިއުޅޭ 372 ގެއިން މަހަކު 100 ރުފިޔާ ނަގައިފިނަމަ، މަހެއްގެ މައްޗަށް 37200 ރުފިޔާ ލިބޭނެއެވެ. ދެކޮޅަށް ދެ ޕިކަޕު ހޯދާފައި، ދުއްވާ މީހާއާއި އިތުރު 2 މަސައްކަތު މީހުން ލައިގެން މިކަން ކުރާނަމަ، ޑްރައިވަރަށް 4500، މަސައްކަތު މީހުންނަށް، މީހަކަށް 3500 ރުފިޔާ، އިދާރީ މަސައްކަތް ބަލަހައްޓާ މުއައްޒަފަށް 4000 ރުފިޔާ ދިނަސް 10،200 ރުފިޔާ ޖަމިއްޔާއަށް ލިބޭނެއެވެ. ދެން ޕިކަޕުގެ ތެލަށާއި، މަރާމާތަށް ހިނގާނެ ޚަރަދު އަންދާޒާކޮށްލާފައި އެބައި ކަނޑާލިޔަސް، ބޮޑު މަރާމާތެއް ކުރަން ނުޖެހޭނަމަ، އަށެއްކަ ހާސް ރުފިޔާ ފައިދާގެ ގޮތުގައި ލިބޭނެއެވެ. އެއީ ޚިދުމަތެއްގެ ގޮތުގައި ކުރާ ކަމަކަށް ބަލާއިރު، އެކަށީގެންވާ ފައިދާއެއް ނޫންތޯއެވެ. 

އަނެއް ގޮތަކީ ރައްޔިތުންގެ ތެރެއިން ކޮންމެވެސް މީހަކު ނުވަތަ ބަޔަކު މިކަން ފަށައިގަތުމެވެ. ރަށުގައި ބޮޑެތި ޕިކަޕު ފުދޭވަރަކަށް އެބަހުއްޓެވެ. ކުދި ޕިކަޕާއި، "ރަށުޕިކަޕު" ވެސް އެބަ ގެންގުޅެއެވެ. އެހެންވީމާ، ޕިކަޕު ގެންގުޅޭ ކޮންމެވެސް މީހަކު މިކަން ފެށުން އެއީ ދެކޮޅަށް ވެސް ފައިދާހުރި ކަމަކަށް ވާނެއެވެ. ކުރިންވެސް ދެންނެވި ފަދައިން، 372 ގެއިން ގެއަކުން 100 ރުފިޔާ ނަގާނަމަ މަހަކު 37200 ރުފިޔާ ލިބޭނެއެވެ. ދެ ބަޔަކު ނުކުތަސް ބަޔަކަށް މަހަކު، 18600 ރުފިޔާ ލިބޭނެއެވެ. ޕިކަޕު ދުއްވަން މުސާރަދީފައި ޑްރައިވަރަކު ލާން ނުޖެހޭ ގޮތަކަށް ވިސްނައިފިނަމަ ވެރިފަރާތަށް ލިބޭ ފައިދާ ބޮޑުވާނެއެވެ. އަނެއްކޮޅުން ގިނަ ބަޔަކު މިކަމާ ކުރިމަތިލައިފިއްޔާއި، ވާދަވެރި މާރުކޭޓެއް އުފެދި، ޚިދުމަތުގެ އަގު ހެޔޮވެއްޖެއްޔާ އެއީ ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ވާނެއެވެ.
ދެން އޮތީ ކުނި ނައްތާލުމުގެ ވާހަކައެވެ. ކުނި ޖަމާކުރަމުން ގޮސް، ބޮޑު، އުސް ފަރުބަދައަކަށް ނުވަނީސް، ކުނި ނައްތާލެވޭނެ ހަރުދަނާ ގޮތްތަކެއް ހޯދަން ޖެހެއެވެ. ނިމިދިޔަ ސަރުކާރުން، އުތުރުގެ 3 އަތޮޅުގެ ކުނި ނައްތާލުމުގެ ބޮޑު މަޝްރޫޢެއްގެ ވާހަކަދެއްކެވިއެވެ. ޒަމާނީ ވަސީލަތްތަކާއި، މެޝިންތަކުގެ އެހީގައި، ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު މިވަގުތު އެ މަޝްރޫއުވަނީ މަޑުޖެހިފައެވެ. އަލުން އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތެއް ވެއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ނަމަވެސް އޭގެ ކުރިން، އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި އެގޮތަކަށް ކަންކުރުން ބުއްދިވެރިއެވެ.

މިހާރު، ކުނިގޮނޑު ހެދި ސަރައްދުގައި ހުރީ ތަފާތު ބާވަތްތަކުގެ ކުނި އަޅަންވީ ތަންތަން ފާހަގަކޮށް ދައްކައިދީފައެވެ. އެހެންކަމުން އެގޮތަށް އެކަން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ރައްޔިތުން ވެސް، ކުނި ޖަމާކުރާއެރު، ކުނިތައް ގިންތިކޮށް، ބައިބަޔަށް އަޅައި ވަކިކޮށްފައި ބެހެއްޓުން ވަރަށް މުހިންމުވާނެއެވެ. އެއަށްފަހު އެގޮތަށް އެބައިތައް ވަކިވަކިން ގޮނޑަށް ޖަމާކޮށް އެތަކެތީގެ ތެރެއިން އިއާދަކުރެވޭ ފަދަ ތަކެތި، އެފަދަ ބަޔަކާ ހަމަޔަށް ފޯރުކޮށްދެވޭނެ ގޮތެއް ހެދުން މުހިންމެވެ. މިސާލަކަށް ދަގަނޑާއި އެލްމެނިއަމް ފަދަ ބައިތައް ގަންނަ ފަރާތްތަކަށް ވިއްކާލެވިދާނެއެވެ. ޕުލާސްޓިކުފުޅި ފަދަ ތަކެތި ވެސް ރިސައިކަލް ކުރަން ފޮނުވިދާނެއެވެ. މުއްދަތުތަކަށް ބަހާލައިގެންނެވެ. މީގެ އިތުރަށް ރަށަކީ ދަނޑުވެރި ރަށަކަށް ވާތީ، ކުނީގެ ގޮތުގައި އުކާލާ ފަތާއި ކުނިވާ ޒާތުގެ ތަކެތިން ގަސްކާނާ ތައްޔާރުކޮށްގެން، ހެޔޮ އަގެއްގައި، ރަށުގެ ދަނޑުވެރިންނަށް ވިއްކިދާނެއެވެ. ނަމަވެސް މިކަންކަން ކުރެވޭނީ ވަރަށް ހިތްވަރު ހުރެގެންނެވެ. 

ކޮންމެ ގޮތަކުން ވިޔަސް، ރަށުގައި އުފެދޭނެ ކުނި ވަކިތަނަކަށް ޖަމާކުރެވޭ ގޮތްވުމަކީ މިހިނދަށް ބަލާއިރު ވަރަށް މުހިންމު ކަމެކެވެ. ދެން އޮތީ ކުނި ނައްތާލާނެ ވަސީލަތްތައް ގާއިމުކޮށްގެން، މިކަން ދެމެހެއްޓެވިނިވި ގޮތަކަށް ކުރެވޭތޯ ބެލުމެވެ. ނަމަވެސް، ދުރު މުސްތަގުބަލަށް ބަލާއިރު، ރަށުގެ ބިމުން، ބޮޑު ދެ ސަރަހައްދު ގޮނޑުގެ ގޮތުގައި އޮތުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުވެދާނެއެވެ. ޚާއްޞަކޮށް، ސިޓީ ހޮޓަލާއި، ގެސްޓުހައުސް އެޅުމުގެ ވާހަކަ ދައްކަމުން ދާއިރު، ފަތުރުވެރިކަމުގެ ހަރަކާތްތައް ރަށުގައި ފެށިއްޖެ ނަމަ، ކުޅިއަކީ ފަތުރުވެރިންނަށް ދައްކާލަން އެންމެ މުހިންމު އެއްތަނަށް ވާނެތީ، ކުޅިއާ ދާދި ކައިރީގައި ބޮޑު ގޮނޑެއް އޮތުމަކީ ވަރަށް ދެރަވަރުކަމަކަށް ނޫނީ ނުވާނެއެވެ. އަނެއްކާ ތިމާވެށީގެ ގޮތުން ބެއްޔަސް، ކުޅި ކައިރިއަށް ކުނި ޖަމާކުރުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫނެވެ. ނަމަވެސް ދެ ގޮނޑު ހެދީ، ރައްޔިތުންނަށް ކުނިއުކާލުމުގައި ދިމާވެދާނެ އުނދަގޫތަކަށް ވިސްނާފައިކަމަށް ވުން ވަރަށް އެކަށީގެންވެއެވެ.

ކަން އޮތީ މިހެންކަމަށް ވިޔަސް، ކުޅި ކައިރީގައި ކުނިގޮނޑެއް ހެދުމާދެކޮޅަށް، މިހާރުވެސް މީސްމީޑިއާގައި ދަނީ އަޑުއުފުލަމުންނެވެ. ބައެއް މީހުން ދެކޭގޮތުގައި، ހުޅަނގުފަރާތުން ތަނެއް ޚިޔާރުކުރުން ރަނގަޅުވާނެއެވެ. ނަމަވެސް، އަޅުގަނޑު ދެކޭ ގޮތުގައި އެ ގޮތް އެހާ ރަނގަޅެއް ނޫނެވެ. އެހެނީ، ރަށަކީ އުތުރުން ދެކުނަށް (ދިގަށް) އޮތް ރަށަކަށްވެފައި، ހުޅަނގު މޫސުން ދެމިގެން ދާއިރު، ހުޅަނގުގެ ގަދަ ވައިގައި ކުނިވަހާއި، ކުނި އަންދާނަމަ އޭގެ ދުމުގެ އުނދަގޫ މުޅި ރަށުތެރެއަށް ފޯރާނެއެވެ. ދެން އޮތީ ބޮޑުހަނދޭގިރި ތަކުރުފާނުގެ މަގުގެ ދެކުނުކޮޅުން، އިރުތަމަތީ ފަރާތެވެ. ފަތުރުވެރިކަމުގެ ހަރަކާތްތަކަށް އެންމެ މުހިންމު ދިމާއަކީ ރަށުގެ ދެކުނު-ހުޅަނގު ދެކުނު ސަރަހައްދުކަމަށްވާތީ، މި ސަރަހައްދުގައި ގޮނޑުހެދުން ވެސް ބުއްދިވެރިކަމަކަށް ނުވެއެވެ. ކުރިން ދެންނެވިފަދަ ކުނިއުކާލުމުގެ ނިޒާމެއް ގާއިމުކުރެވިއްޖެ ނަމަ، ކޮންމެ ދިމާއަކު ގޮނޑު އޮތަސް ރައްޔިތުންނަށް މާ ބޮޑު ތަކުލީފަކަށް ނުވެ މިކަން ކުރިޔަށް ގެންދެވޭނެއެވެ. ވީމާ، މިހުރިހާ ކަމަކަށް ވިސްނާއިރު އެންމެ ބުއްދިވެރި ގޮތަކީ އުތުރުން އޮތް ސަރަހައްދު، ގޮނޑުގެ ގޮތުގައި ބޭނުންކުރުމެވެ.

ހަވާލާ:
ތަފާސްހިސާބުގެ މައުލޫމާތު ދެއްވީ، ނޮޅިވަރަމު ކައުންސިލު އިދާރާގެ އެސިސްޓަންޓް ޑިރެކްޓަރު މުޙައްމަދު ޝުޖާޢު

No comments:

Post a Comment