ބަނޑޭރިގަނޑު

2013/09/27

"އިއްފަތްތެރި ކަސްބީން"



އިއްޒަތަކީ އަގުބޮޑު އެއްޗެކެވެ. އިއްފަތްތެރިކަމަކީ އަދި މާ އަގުބޮޑު އެއްޗެކެވެ. ގައުމެއްގެ އިއްޒަތުން ނަފުސަކީ ގައުމުގެ ރައްޔިތުންނަށް ވަރަށް އަގުބޮޑު މުހިންމު އެއްޗެކެވެ. ރައްޔިތުންގެ އުޅުމާއި ސުލޫކު ވަކި ގިއުގަނޑަކަށް ފައްތައް ޖެހެނީ ގައުމުގެ އިއްޒަތުން ނަފުސު ސަލާމަތްކުރުމަށެވެ. ގައުމުގެ އިއްފަތްތެރިކަން ފޭރިގަތަ ނުދޭށެވެ. ގާނޫނުތައް ހެދުމުގެ ބޭނުމަކީ މިއެވެ. ވެރިއަކު ހޮވާ ސަރުކާރު އެކުލަވާލުމުގެ އަމާޒަކީ މިއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ގައުމުން ފެންނަމުން މި ދަނީ ގައުމުގެ ބެލެނިވެރިން މި ގައުމުގެ ފޭރާންތައް ވީދާ ކުދިކުދިކުރުމަށް ފަހު ގައުމުގެ އިއްޒަތް ވެއްޔާ މޮޑެލާތަނެވެ. ގައުމުގެ ހާލުގެ ދުލުން ރޮއި އާދޭސްކުރަމުން ދަނިކޮށެވެ.
ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުން ބާރުވެރިކުރުވުމެވެ. އެކަމަށްޓަކައި ގައުމުގެ ބާރުތައް ވަކިކުރެވެއެވެ. ތިން ބާރު މުސްތަގިއްލު ކުރެވެއެވެ. ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރެވެ. މިއިން ކޮންމެ ބާރެއް ތަމްސީލުކުރަނީ ރައްޔިތުންނެވެ. ހިމާޔަތްކުރަނީ ރައްޔިތުންގެ ހައްގުތަކެވެ. ހިދުމަތްކުރަނީ ރައްޔިތުންނަށެވެ. މިއީ ރައްޔިތުންގެ މޫނުބަލާ ލޯގަނޑެވެ. އެ މީހުންގެ ސަމުގާއެވެ. އެންމެންގެ ނަމޫނާއެވެ. ވީއިރު އެ ފަރާތްތަކުގެ ޒިންމާ ކިހައި ބޮޑުވާނެތޯއެވެ؟ ކިހައި އިއްޒަތްތެރިވާނެތޯއެވެ؟ އެކަމަކު މި ކުޑަ ގައުމުގައި މި ކަން އޮތީ މިހެން ބާއެވެ؟