ބަނޑޭރިގަނޑު

2010/03/07

ވާހަކަ: އެޕޮއިންޓްމަންޓް

ފަތިހު މުނާޖާ ކޮނޑުއަޅައިގެން އަހަރެން ތެދުވީ ރައްޓެއްސަކު ބުނެގެން ޑޮކްޓަރަށް ދައްކަން ނަން ނޯޓުކޮށްދޭށެވެ. ފާހާނާއަށް ވަދެ، އަވަސްއަވަހަށް ފެންވަރައިގެން ނުކުމެ، ކުޑަކޮށް ރީތިވެލައިގެން، ގެއިން ނުކުމެ ސައިކަލަށް އަރާ، ބާރުލާފައި ހަސްފަތާލާ ދިމާއަށް މިސްރާބު ޖެހީމެވެ. މަގުތަކުގައި ވަނީ ހަމަހިމޭން ކަމެވެ.
މޫނުއަނދިރިކަން މުޅިން ނުފިލާ މަގުމަތިން މުސްކުޅިފުރާގެ ބައެއް މީހުން ހިނގާބިނގާ ވާތީ މަދުމަދުން ފެނެއެވެ. މަޑު ހިނގުމެއްގައި މިސްކިތްތަކާ ދިމާއަށް އެދަނީ ފަތިސް ނަމާދަށް ގޮވުމުގެ ކުރިން މިސްކިތަށް އެރުމަށް އާދަވެފައި ތިބީމައެވެ. ގޯޅިގޯޅި ކަންމަތީ ބިތް ޖެހިފައި ތިބި "ހަރުދަނާ" ޒުވާނުން މި އަމާން ވަގުތުގެ އަމާންކަމާއި ހިމޭންކަން ނަގާލަނީ އެމީހުންގެ "ޅަވިޔަނި" ބަހުރުވައިގެ ފޯރި ގަދަ ބަހުސްތަކުންނެވެ. މަގުމަތީގެ މި ހަރަކާތްތަކަށް މާބޮޑު ސަމާލުކަމެއް ނުދީ، ވައިސޫރިއެއްހެން ގޮސް ހަސްފަތާލު ކުރިމަތިން ސައިކަލުތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުން ފެނުނު ހަނި ދޭތެރެއަކަށް ސައިކަލު "ގަންނަވާލައިފައި"، ހަސްފަތާލަށް ވަދެގެން ހިނގައިގެންފީމެވެ.
     އަވަސްފިޔަވަޅުގައި ނަންބަރު ނޯޓުކުރާ ކޮށިގަނޑާ ހަމައަށް ދެވުނު އިރު މީހާ ހުރީ މަތިނޭވާ ހިލޭ ވަރު ވެފައެވެ. ކިޔޫ ގޮނޑިބަރި ފެނުމުން ހުއްޓެވުނެވެ. ފުރަތަމަ ދިހަ ގޮނޑި މިހާރުވެސް އެހުރީ ފުރިފައެވެ. ފުރަތަމަ ގޮނޑިބަރީގައި ތިބި ހަތަރު މީހުން ތިބި ގޮތުން އަންގައިދެނީ އެމީހުން އެތިބީ ހާރުދަމުގައި އައިސް ކިޔޫގައި ޖެހިގެން ކަމެވެ. އެންމެ މަގަތަށް ހުރި ގޮނޑީގައި އިން ޒުވާނާ، މޫނު ދެއަތަށް ލައިގެން، ދެލޯމަރާލައިގެން އިނީ ނިދިބަރުކައިގެން ދެލޯ ހުޅުވޭވަރު ނުވާތީއެވެ. ޖެހިގެން ހުރި ގޮނޑީގައި ދެވަން ފުރައިގެ އަންހެނަކު، ވައިބާރު ދުވަހަކު ވައިމަތީގައި ހުރި ޅަ ދުނބުރި ގަހެއް ހެން ހޫރިހޫރި އިނެވެ. ތިންވަނަ ގޮނޑީގައި އޮތް ގަލަމާއި ކުޑަކަރުދާސްކޮޅު ހާމަކޮށްދެނީ އެ ގޮނޑީގައި އިން މީހާ ވާނީ ހާޖަތަކަށް ގޮސްކަމެވެ. "ކިޔޫ ބްލޮކް ކުރަން ގޮނޑިމަތީގައި އެއްޗެހި ބެހެއްޓުން މަނާ" މިހެން ލިޔެފައި ހުރި ކަރުދާސްތައް ވަށައިގެން ފެންނަން ހުއްޓަސް، "އަތިރީގެއިން އަންނަ ކޯލުތަކަށް" ޖަވާބު ނުދީ އިނދެވޭނީ ކިހިނެއް ހެއްޔެވެ؟
     ދެން ހުރި ގޮނޑީގައި އިން މީހާ ހީވަނީ ދެންމެ ދެންމެ ފަހަތަށް ވެއްޓިދާނެ ހެންނެވެ. ބޮޑު ގުގުރީގައި ވާޖަހާފައި ފަހަތަށް ދަމާލާއިރު ހީވަނީ އިދިފުށަށް ދަމާބަލި ތަހައްމަލުކުރާ މީހެއް ހެނެވެ. އެމީހުންގެ ފަހަތު ގޮނޑިބަރީގައި ތިބީ މިޔަރަށް ފައްތައިގެން ތިބިބައެއް ނޫންބާއޭ ހީވެއެވެ. މިމީހުންގެ ހާލާމެދު ސަހަރޯވެފައި އިރުކޮޅަކު ހުރުމަށް ފަހު ތިންވަނަ ގޮނޑިބަރީގެ ފުރަތަމަ ގޮނޑީގައި އަހަރެން އިށީނދެފައި ގަޑިއަށް ބަލައިލީމެވެ. ފަހެއް ޖަހަން އަދި ފަނަރަވަރަކަށް މިނެޓް އެބަހުއްޓެވެ. ހިތަށް އެރިއެވެ. މިހެން މި ގޮނޑީގައި ގުދު ބިންދަން އަދި ހާދަ އިރެއް އެބަ އޮތެވެ. ނަން ނޯޓުކުރަން ފަށަނީ އަށެއް ޖެހީމައެވެ. އޭގެ ބައިގަޑިއިރު ކުރިން ކިޔު ނަންބަރު އަތަށް ލިބޭ ކަމީ ނަސީބެކެވެ. އެއީ ވަޔާތަޅާ ގޮހޮރަށް ކޮންމެވެސް އެއްޗެއް ލާނެ ފުރުސަތު ލިބޭނެތީއެވެ.
     ގަޑިން ހިނގާ ކޮންމެ މިނެޓަކާ އެކު ކިޔޫއަށް މީހަކު އިތުރުވަމުން ގޮސް ތަނުގައި ހުސްކޮށް ހުރިއްޔާ ހުރި ގޮނޑިއެއް ފުރިއްޖެއެވެ. މިހާރު ކުލަކުލައިގެ ޔުނީފޯމުގައި ތިބި ބަޔަކުވެސް ކޮޅުކޮޅަށް ހަރަކާތްތެރިވާން ފަށައިފިއެވެ. އެތަނުން ދެ މީހެއްގެ އަތުގައި ޓޯކީ ވެސް އޮތެވެ. އެއީ ސެކިޔުރިޓީ އޮފިސަރުންނެވެ. ކިޔޫ ތަރުތީބު ކުރުމާއި، މީހަކު ނެތި ދޭތެރެ ދޭތެރެއިން ހުސްވެފައި ހުރި ގޮނޑިތައް ނުވަތަ މީހަކު ކުރިން އިނދެފައި އެމީހާ ދިޔަތާ ގިނައިރުވެފައިވާ ގޮނޑިތަކަށް ކިޔުގައި ތިބި ތަރުތީބުން މީހުން ބަދަލުކުރުމުގެ ކަންތައް އިރުއިރުކޮޅުން ސިކިޔުރިޓީ އޮފިސަރު ކުރަމުން ގެންދެއެވެ. މިމަސައްކަތުގައި ބުރަކޮށް އެމީހާ އުޅެނިކޮށް، މާފަހުން ވަދެގެން އައި މީހަކު، އަހަރެން ކައިރީ ހުހަށް ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ކިޔޫ ތަރުތީބުކުރަން ހުރި މީހާއަށް މިތަން ފެނުމުން އަހަރެން އިން ގޮނޑި ކައިރިއަށް އައިސް ހުއްޓިފައި ކިޔު ފަޅާލި މީހާއާ ސުވާލުކުރިއެވެ.
" ތި ގޮނޑީގައި ކުރިންވެސް އިންނެވީ ތިބޭފުޅާތޯ؟"
"ކިހިނެއްވީ؟ މިއީ ވަކި މީހެއްގެ ގޮނޑިއަކީތަ؟ ގައިމު މީހެއްގެ ނަމެއް ޖަހައިފައެއް ނެތް!" ރުންކުރު ގޮތަކަށް އޭނާ ޖަވާބު ދިނެވެ.
ސެކިޔުރިޓީ އޮފިސަރު ބުންޏެވެ. "ނޫން. ވަކި މީހެއްގެ ގޮނޑިއަކަށް ވީތީއެއް ނޫން. އެކަމަކު ތިބޭފުޅާ ތިޔަ ވަޑައިގެންނެވީ ދެންމެ، މީގެ އެތައް ގަޑިއިރެއްގެ ކުރިން ވަޑައިގެން ތިއްބެވި ބޭފުޅުން މިތިއްބެވީ ހައްތާވެސް. ކިޔުއެއް ނަމަ ކިޔު ތަރުތީބަށް ވެސް ބައްލަވަން ޖެހިވަޑައިގަންނަވާނެ ނޫންތޯ؟"
"ހޫން! ކޮންމެހެން ތިޔަ ލެކްޗަރު މަށަށް ދޭނެކަމެއް ނެތް. މި ގޮނޑި ހުސްކޮށް ހުރީމަ އަހަރެން މި އިށީނީ. މަށެއް ނުތެދުވާނަން މިތަނަކުން. އަހަރެން ނުވެސް ނެގޭނެ." ރުޅިވެރިކަމާއެކު އެމީހާ ބުންޏެވެ.
މިމީހާގެ ޖަވާބުން ސެކިޔުރިޓީ އޮފިސަރުވެސް ކުޑަކޮށް ހިތްހަމަ ނުޖެހިއްޖެއެވެ. "އެންމެ ރަނގަޅު. ތިބޭފުޅާ އިންނަވާ ތި ގޮނޑީގައި. އެކަމަކު ނަންބަރެއް ނުލިބޭނެ. ނަންބަރު ބަހާނީ އަޅުގަނޑުމެން. ކުރިން ވަޑައިގެންނެވި ބޭފުޅުންނަށް. ކިޔު ތަރުތީބުން." މިހެން ބުނެފައި ސެކިޔުރިޓީ އޮފިސަރު ނަންބަރު މެޝިން ކައިރިއަށް ހިނގައްޖެއެވެ. މިކަންވީ ހުރިހާ އެންމެންގެ ސަމާލުކަން އެދިމާއަށް ހުއްޓުނު ކަމަކަށެވެ. ސެކިޔުރިޓީ އޮފިސަރު ދިޔަ ފަހުން ދިހަވަރަކަށް މިނެޓް ވަންދެން އެމީހާ އެ ގޮނޑީގައި، އޭނާގެ ގޮތުގައި އިނެވެ. އިރުކޮޅަކު އިސްދަށަށް ޖަހައިގެން އިނުމަށްފަހު ތެދުވެގެން ކިޔުގެ އެންމެ ފަހަތުން ހުސްކޮށް ހުރި ގޮނޑިއަށް އޭނާ ބަދަލުވެއްޖެއެވެ. މީހުންގެ ކަތި ބެލުންތަކާއި ސެކިޔުރިޓީ އޮފިސަރުގެ ވާހަކައާ މެދު ވިސްނާލެވުނީ ތޯއްޗެކެވެ. ތެދުވެގެން ދިޔައީ ސެކިޔުރިޓީ އޮފިސަރަށާއި، ހަސްފަތާލުގެ ވެރިންނަށާއި ސަރުކާރަށްވެސް ކުދިކިޔަމުންނެވެ.
" މިމީސް މީހުންނަށް ހީވާ ކަހަލަ ޔުނީފޯމެއް ލެވުނީމާ އެދެން ނިމުނީއޭ. ކޮން ފުއްޕުމެއް ފުއްޕާކަށް. މިދެން ކޮންކަމެއް. މިހާރު ޑޮކްޓަރަށް ދައްކަންވެސް މިޖެހެނީ ދެރޭގެ ނިދި ނަގާލައިފައި މިތަނަށް އަންނަން. ކުރިން ފޯނުން ނަން ނޯޓު ކުރެވޭ ވަރަށް ފަސޭހައިން. މިހާރު ފޯނު ކޮށްކޮށް ބަލިވާއިރުވެސް ގުޅޭވަރެއް ނުވޭ. ނަންބަރު ބިޒީ ވާނެ. ރިންގު ކެނޑެންދެން ގުޅިއަސް ބައެއް ފަހަރު ފޯނެއް ނުނަގާނެ. އެއް ދުވަސް ކުރިން ނަން ނޯޓު ކޮށްގެން ވެސް އަދި ޑޮކްޓަރަށް ދެއްކޭނެ ކަމުގެ ޔަގީން ކަމެއް ލިބެނީކީ ނޫން. ޑޮކްޓަރު ގެ ޑިޔުޓީ ކެންސަލްކޮށްލާނެ އިރެއް އެނގެނީ ހަމަ އެމީހުންނަށް. ހެޔޮވެރިކަން ގާއިމުކުރަން، ރައްޔިތުންނަށް ލުއި ފަސޭހަތައް ހޯދައިދެން ވައުދުވެގެން އައި ސަރުކާރަށްވެސް މިކަން ރަނގަޅެއް ނުކުރެވުނު." ހިތުގެ އުދާސްތައް ފައްޗަކަށް އަމުނަމުން އޭނާ ހިނގައްޖެއެވެ. އަހަރެންނަށްވެސް އޭނާގެ ވާހަކައަށް ހިތާއިހިތުން އެއްބަސްވެ ބޯޖަހާލެވުނެވެ. ސަރުކާރުގެ އެންމެ ބޮޑު ހަސްފަތާލުން ޚިދުމަތް ހޯދުމަށް މިހާރު މިއުޅެން ޖެހޭ ދަތިހާލުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ.
     ވަރުބަލިކަމާއެކު މޯޅިއަކަށް ދެމިލާފައި ގަޑިއަށް ބަލައިލީމެވެ. ގަޑިން ހަތްގަޑި ބައިވަނީއެވެ. ކިޔޫ ނަންބަރު އަތަށް ލިބޭ ގަޑިޖެހެން ކައިރިވީމާ ތޯއްޗެކެވެ. ކުއްލިއަކަށް ބަނޑުހައިވެއްޖެހެން ހީވިއެވެ. އިރުކޮޅަކުން ސެކިޔުރިޓީ އޮފިސަރު އައިސް ނަންބަރު ބަހަން ފަށައިފިއެވެ. އެމީހެއްގެ އަތަށް ނަންބަރު ލިބުމާއެކު ތެދުވެގެން ހިނގައިގަނެއެވެ. ތިންހަތަރު ގަޑިއިރު ވަންދެން އިށީނދެ އިންނަން ޖެހުމުން ލިބިފައިވާ ވަރުބަލިކަން ފިލުވާލުމުގެ ބޭނުމުގައެވެ. އަހަރެންގެ އަތަށް ނަންބަރު ލިބުމާއެކު އަހަރެން ވެސް ތެދުވެގެން ހިނގައިގަތީމެވެ. ބަނޑުހައިކަން ފިލުވާލުމަށް ކޮންމެވެސް އެއްޗެއް ލިބޭތޯއެވެ. ހަރުގަންނަވާފައި ހަސްފަތާލުގެ ކެންޓީނާ ދިމާއަށް މިސްރާބުޖެހީމެވެ. އިރުއެރުމާއެކު ނެރުން ވަދެގެން އަންނަ ގުންބަޅަ އައިނެއްހެން ކިޔުގައި ތިބި މީހުން އަވަސް ފިޔަވަޅުގައި ކެންޓީނާ ދިމާއަށް ހިނގަމުން ދެއެވެ.
     އަސްތާ ކަމަކުދާކަށް ނެތެވެ. ކެންޓީނު އޮތީ ފުރިބާރުވެފައެވެ. ތިނޯހެއްގެ ތުނޑު ޖައްސާލާނެ ތަންކޮޅެއްވެސް އޮތް ހެނެއް ހިޔެއް ނުވެއެވެ. ކެންޓީނުތެރޭގައި ހެދިފައި އޮތް ކިޔު ކެންޓީނުގެ ދޮރުން ބޭރަށް ނުނިކުމެ އޮތީ ކިރިޔާއެވެ. އަހަރެންވެސް ކިޔުގެ ފަހަތުގައި މަޑުކޮށްލީމެވެ. ތަށިތަކާއި ސަމުސާތަކުގެ އަޑުން މިޔުޒިކެއް އުފެދިފައިވާ އިރު މީހުންގެ އަޑުތަކުން ތަން ވަނީ ގުގުމާފައެވެ. އަހަރެން ނެގި ތަކެއްޗަށް ފައިސާ ދައްކާފައި ތަބައް ހިފައިގެން ނުކުމެ ބޭރުގައި ހުރި އަށިތަކުން އައްޓެއްގެ ކައިރީގައި އިށީނދެ އަވަސްއަވަހަށް ހެދިކާކޮޅު ކައިލައިގެން ސައިތަށި އެއް ކޯވަރުން ހުސްކޮށްލާފައި ގަޑިއަށް ބަލައިލި އިރު އަށް ގަޑި ފަހެއް ހިނގައިފިއެވެ. ރޭގަނޑުގެ އަރާމު ނިދިކޮޅު ނަގާލައިފައި އައިސް، ތިން ގަޑިއިރު ގުދު ބިންދައިގެން ލިބުނު ނަންބަރު ކަޓައިފާނެތީ އަވަސްއަވަހަށް އަނެއްކާވެސް ދިޔައީ ޑޮކްޓަރަށް ދައްކަން ނަން ނޯޓު ކުރާ ކޮށިގަނޑަށެވެ. އެތަނަށް ދެވުމާއެކު ފުރަތަމަވެސް ބަލައިލެވުނީ ނަންބަރު އަރައިފައި ހުންނަ ބޯޑަށެވެ. ހިތަށް ހަމަޖެހުމެއް ލިބުނީ އަހަރެންގެ ނަންބަރު އަދި ނުކަޓާ ކަން އެނގުނީމައެވެ. އިރުކޮޅަކުން މިޔުޒިކެއްގެ އަޑު އިވެން ފަށައިފިއެވެ. އެއަޑަށް ސަމާލުވެވުނީ ކޮންމެވެސް އެންގުމެއް އަންގަން އުޅޭކަމުގެ އިޝާރަތަކަށް ވީމައެވެ.
"އައްސަލާމު ޢަލައިކުމް، ޑޮކްޓަރަށް ދައްކަން ނަން ނޯޓުކުރަން ވަޑައިގެން ތިއްބެވި ބޭފުޅުންގެ މައުލޫމާތަށް ޓަކައި ދަންނަވަން. އަންހެނުންގެ ޚާއްސަ ޑޮކްޓަރުގެ ނަންބަރު މާދަމާއަށް ވަނީ ހުސްވެފައި. އަދިވެސް އެއް ފަހަރު ދަންނަވަން. އަންހެނުންގެ ޚާއްސަ ޑޮކްޓަރުގެ ނަންބަރު މާދަމާއަށް ވަނީ ހުސްވެފައި. ޝުކުރިއްޔާ."
މި މެސެޖު ނިމުމާއެކު ބައެއް މީހުން ތެދުވެގެން ހިނގައިގެންފިއެވެ. ތަންކޮޅެއް ދޮން ބޮޑުވެފައި ހުރި މީހަކު، މައުލޫމާތު ސާފުކޮށްދޭ ކޮށިގަނޑު ކައިރިއަށް އައިސް ހުއްޓިފައި އަޑުގަދަ ކުރަން ފެށިއެވެ.
"މިދެން ކިހާ ދެރަކަމެއް. މިހާރު ތިން ދުވަސް މިވަނީ އަންހެނުން ޑޮކްޓަރަށް ދައްކަންވެގެން ނަންބަރެއް ލިބޭތޯ ނިދި ނަގާލައިފައި މިތަނަށް އަންނަތާ. ކޮށިގަނޑުތަކުން 10 ނަންބަރަށް ޚިދުމަތް ނުދެވެނީސް އެ ޑޮކްޓަރުގެ ނަންބަރު ހުސްވެއްޖެ. އެކަމަކު ޑޮކްޓަރަކަށް 10 ނަންބަރު ދޫކުރާއިރު ކީއްވެ މިހެން ވާންވީ؟ ކަލޭމެންގެ ގާތް މީހުންނަށް ނަންބަރުތައް ނަގާފައި ހުންނަނީ ދޯ. ދެން ބުނާނެ ފޯނުން ނަން ނޯޓު ކުރާތިއޭ އެހެން ވަނީ. އެކަމަކު ދުވަހަކުވެސް އަހަރެންނަށް ފޯނުން ގުޅައިގެން ނަން ނޯޓުކުރެވޭ ވަރެއް ނުވޭ. ނަންބަރު އަބަދު ހުންނަނީ ބިޒީވެފައި. އަހާބަލަ މިތާ މިތިބަ މީހުންކުރެ ކިތައް މީހުންނަށްތޯ ފޯނުން ނަން ނޯޓު ކުރެވެނީ..." ކޮށިގަނޑުގައި އިން ކުއްޖާ އަނގައިން ބުނާނެ ފުރުސަތެއްވެސް ނުދީ އޭނާ ކިޔަން ބޭނުން އެއްޗެއް ކިޔާފައި ނުކުމެގެން ހިނގައްޖެއެވެ. އެތާ ތިބި އެންމެންވެސް އޭނާ އެދެއްކީ ތެދު ވާހަކަ ކަމަށް ހެކިވެއެވެ. އަހަރެންނަށްވެސް އެކަން ވަނީ ތަޖުރިބާ ކުރެވިފައެވެ.
     އަހަރެން ހިތް އަވަސްވެފައި، ކޮށިގަނޑުގެ މަތީގައި ހަރުކޮށްފައި ހުރި "ފަތިޓީވީ"އަށް ބަލަހައްޓައިގެން އިނީމެވެ. ޑޮކްޓަރުންގެ ނަންތަކާއި ޑޮކްޓަރަށް ދެއްކުމަށް ދޫކުރެވުނު ނަންބަރާއި ބާކީ ހުރި ނަންބަރު ގެ އަދަދު ވަގުތުން ވަގުތަށް އަންގައިދެމުން ދެއެވެ. އަހަރެން ނަންނޯޓު ކުރަން ބޭނުންވެގެން އުޅެނީ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރުންގެ ތެރެއިން އެންމެ މަގުބޫލު ޑޮކްޓަރ ޢަޒީއަށެވެ. ޢަޒީއަށް ދައްކަން ދޫކުރާ 10 ނަންބރުގެ ތެރެއިން ބާކީ އެންމެ ނަންބަރަކަށް ވެއްޖެއެވެ. އަހަރެންގެ ނަސީބު ރަނގަޅުކަމުންތާއެވެ. އަހަރެންނަށް ލިބިފައި އޮތް ކިޔު ނަންބަރު ބޯޑަށް އަރައިފިއެވެ. ބަލިމީހާގެ ހޮސްޕިޓަލު ކާޑު ކައުންޓަރާ ހަވާލު ކުރުމުން މެމޯކޮޅު ދިއްކޮށްލިއެވެ. އަދި ކައުންޓަރުގައި އިން ކުއްޖާ މެމޯ ހައްދަން ޖެހޭ ގަޑި ބުނެދިނެވެ. "މާދަމާ ހެނދުނު 7:30 ގައި މެމޯ ހައްދަވަން ވަޑައިގަންނަވާނީ އިނގޭތޯ." އަހަރެން ޝުކުރިއްޔާއޭ ބުނެފައި ހިނގައިގަތީމެވެ.
     ހިތަށް އެރިއެވެ. ގާތް މީހަކު ދުވަހަކުވެސް ބަލިނުވާނެ ނަމަ ކިހާ ރަނގަޅުހެއްޔެވެ؟ ރައްޓެއްސަކު ބުންޏަސް މިއީ ކޮށްދެވޭ ވަރުގެ ކަމެއް ނޫނެވެ. މިތަނަށް އަންނަން ދެވަނަ ދުވަހަކަށް ނުޖެހޭނަމައޭ ހިތާ ހިތުން ކިޔަމުން، ހިތުން ދުޢާކުރަމުން ހަސްފަތާލުން ނިކުންނަން ދަނިކޮށް ރައްޓެއްސަކާ ދިމާވިއެވެ. އޭނާ އަހާލިއެވެ. މިއޮތް ހެނދުނާ މިތަނުގައި ތިޔަ ކުރަނީ ކީއްހެއްޔެވެ؟ އަހަރެންވެސް އޭނާއާ ކުރީ ހަމަ އެސުވާލެވެ. އޭނާ ބުންޏެވެ. މިއައީ އަންހެނުން ޑޮކްޓަރަށް ދައްކަންވެގެންނެވެ. މިދަނީ މެމޯ ހައްދާށެވެ. އަހަރެން ބުނީމެވެ. އެހެން ދޯއެވެ. އަހަރެން މީހަކު ޑޮކްޓަރަށް ދައްކަން ނަން ނޯޓުކޮށްދިނީއެވެ. ލާނެތް ގޮތަކަށް ހީލާފައި އޭނާ ބުނެލިއެވެ. މިހާރު ތިމަސައްކަތްވެސް ފެށީ ހެއްޔެވެ؟ އަހަރެންވެސް ހީނލާފައި ބުނެލީމެވެ. އާއެކެވެ. މިއުޅެނީ މިއަންނަ ދައުރުގައި މަޖުލީހަށް ކުރިމަތިލާންވެގެންނެވެ. މިހެން ބުނެފައި ދެމީހުން އެކުގައި ހިނިގަނޑެއް ޖަހާލައިފައި ދަނީއޭ ބުނެ ސަލާންކޮށްލުމަށް ފަހު ދެމީހުން ދެކޮޅަށް ހިނގައިގެންފީމެވެ. އޭނާ އެތެރެއަށެވެ. އަހަރެން ސައިކަލާދިމާއަށެވެ.
-ނިމުނީ-

No comments:

Post a Comment